ޚަބަރު
ޤާނޫނުތަކަށް ޙުރުމަތްތެރިކޮށްހިތާ، ޤައުމު އިސްކުރުމަށް ނަޞޭހަތްތެރިވަން: ވަޒީރު ޣައްސާން

71ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު- ފޮޓޯ: ދިފާޢީ ވުޒާރާ
ޤާނޫނުއާސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށްހިތުމަށާއި އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 71ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވަނީ ޤައުމީ ޚިދުމަތުގައި މުރާލިކަމާއެކު ރެޔާއި ދުވާލު މަސައްކަތްކުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޤައުމުގެ މިނިވަންކަމާ ސިޔާދަތު ޙިމާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ. އެގޮތުން ޤައުމީ ދިފާޢީ ބާރުގެ ކުރިއެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިއްޔެ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ވަނީ ރަސްމިއްޔާތުގައި، ޝަރަފުވެރި ކޮށްދެއްވާ، ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2024 އޮކްޓޫބަރު 19 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ. މި ކޯހުން 115 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 105 ފިރިހެން ދަރިވަރުންނާއި 10 އަންހެން ދަރިވަރުންނެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި، ކޯހުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.