Ads by Aqeeqa Maldives

ޚަބަރު

ސައޫދީ ފަންޑުން ރާއްޖެއަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސައޫދީ ފަންޑުން ރާއްޖެއަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސައޫދީ ފަންޑުން ރާއްޖެއަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ރައީސް އޮފީސް ވީޑިއޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޭޕްރީލު 2025، 10:31

14 އޭޕްރީލު 2025، 10:31

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމުމަށް ސައޫދީ ފަންޑުން ރާއްޖެއަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި ލޯނުގެ ގޮތުގައި ދިވެހި ސަރުކާރަށް ލިބެނީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) އެވެ.

ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ހިއްސާދާރެއް ކަމަށާއި، 2016 ވަނަ އަހަރުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މިއީ އެ ފަންޑުން މި ޕްރޮޖެކްޓަށް ދޭ ތިންވަނަ ލޯނު އެހީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އެސްއެފްޑީ) ގެ ސީއީއޯ މަރުޝަދު ވިދާޅުވީ، މި އާ ލޯނު އެހީއާއެކު އެއާޕޯޓުގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންނަށް އިތުރުކުރެވި، އެއާ ކާގޯ އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އިތުރުކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުން ލިބި، ވަޒީފާގެ އިތުރު ފުރުސަތުތައް އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ފިނޭންސް މިނިސްޓްރީން ބުނީ، ވެލާނާ އިންޓަނޭޝަނަލް ޕްރޮޖެކްޓަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިއްމު ޕްރޮޖެކްޓު ކަމަށާއި، އެ މަސައްކަތް އަވަސްކުރުމަށް އާ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ. މި އިތުރު ފައިނޭންސިންގއަކީ އެ މަޝްރޫއު އަވަސް ސްޕީޑެއްގައި ނިންމުމަށް ލިބޭ ބާރެއް ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއްވިއެވެ.

މިއަދު ހަމަޖައްސައިދިން 17 މިލިއަން ޑޮލަރާއެކު، ސައުދީ ފަންޑުން 2016 ވަނަ އަހަރުން ފެށިގެން އެއާޕޯޓު ޕްރޮޖެކްޓަށް ދިން ފައިނޭންސްގެ ޖުމްލަ އަދަދު 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS