ޚަބަރު
ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް ސަޢުދީ ފަންޑުގެ އެންމެ އިސްވެރިޔާ އަށް އަރުވައިފި

ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް ސަޢުދީ ފަންޑުގެ އެންމެ އިސްވެރިޔާ އަށް އެރުވުން ފޮޓޯ:ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ސަޢުދީ ފަންޑު ފޯ ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މުރިޝިދަށް ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ.
ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތަކީ ދިވެހި ދައުލަތުން ދޭ ތިންވަނަ ދަރަޖައިގެ އިއްޒަތެކެވެ. މި އިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. ސަޢުދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް މި އިއްޒަތް އެރުވުމަށް ނިންމާފައިވަނީ، އެ ފަންޑުން ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ އާންމު ޙާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.
ސަޢުދީ ފަންޑުން ވަނީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުތަކަށް 1978 އިން ފެށިގެން 2024 އާ ހަމައަށް އެކި ފަހަރު މަތިން ފައިނޭންސިންގ ހަމަޖައްސައިދީފައިވެއެވެ.
މި ވަގުތު ރާއްޖޭގައި ހުންނެވި ސަޢުދީ ފަންޑުގެ އެންމެ އިސްވެރިޔާ، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ނިންމުމަށް އިތުރަށް ބޭނުންވާ 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މިއީ އާ ޓާމިނަލް ނިންމުމަށް ސަޢުދީ ފަންޑުން ދޭ ދެވަނަ ލޯނެވެ.
H.E President Dr Mohamed Muizzu confers the Order of the Dignified Rule of Muleege Dynasty (O.D.R.M.D) on the Chief Executive of the Saudi Fund for Development, His Excellency Sultan bin Abdulrahman Al-Murshid. He was presented with the laurels at an official ceremony held at the… pic.twitter.com/jGzpkkSeSt
— The President's Office (@presidencymv) April 14, 2025
ސަޢުދީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ މުހިންމު 16 މަޝްރޫޢުއަކަށް މިހާތަނަށް 470 މިލިއަން ޑޮލަރު (7.2 ބިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.