ޚަބަރު
މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް އަލުން އިޢުލާން ކޮށްފި

މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް ބޮޑީ ފޮޓޯ:އެޑިޝަން
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ހޯދުމަށް މީގެ ކުރިން ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކޮށްފިއެވެ. މިފަހަރު އިޢުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ކުރި އިޢުލާން ބާޠިލް ކުރުމަށްފަހުއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވިއަނުން ވިދާޅުވީ މަތތިންދާބޯޓު ހޯދުމަށް އަލުން އިޢުލާންކޮށްފައިވަނީ، މިހާރު ލިބިފައިވާ ހުށަހެޅުންތަކުގެ އިތުރަށް، މިކަމަށް ޝައުޤުވެރިވާ އެހެން ފަރާތްތަކެއް ހޯދުމަށެވެ.
އައިލޭންޑް އެވިއޭޝަނަށް ވައިޑް ބޮޑީ ދެވަނަ މަތިންދާބޯޓު ފޯރުކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިކަމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މޯލްޑިވިއަންއިން ހޯދަން އިޢުލާންކޮށްފައިވަނީ މިހާރުވެސް ބޭނުންކުރަމުން އަންނަ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެކެވެ. އަދި އެ މަތިންދާބޯޓު ކުއްޔަށް ނަގާނީ 5 އަހަރުގެ މުއްދަތަށްކަމަށްވެސް އެކަމާ ގުޅޭ އިޢުލާނުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ވައިޑް-ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ސީދާ ދަތުރުތައް ވަނީ ޗައިނާގެ 3 ސިޓީއަކަށް ފަށާފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ދަތުރުތައް ޔޫރަޕްގެ މަންޒިލްތަކަށް ފެށިގެންދާނެ ކަމަށެވެ. މި ދަތުރުތައް މިއަހަރު އޮކްޓޯބަރު މަހު ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.