ޚަބަރު
އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 15 ގެ ކުރިން ބޭއްވުމަށް ނިންމައިފި

އެމްޑީޕީ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާ ޕާޓީ އޮފީހުގައި ކުރިއަށްދަނީ. ފޮޓޯ:އެމްޑީޕީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވުނު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.
އެމްޑީޕީގެ ތަރުޖަމާނު އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ، ކޮންގްރެސް ބޭއްވުމުގެ ތައްޔާރީތައް ވުމަށް ޚާއްސަ ކޮމިޓީއެއް ނަގާފައިވާ ކަމަށެވެ. މި ކޮމިޓީން ކޮންގްރެސް ބޭއްވުމަށް ބޭނުންވާ ބަޖެޓާއި ޚަރަދުތަކާއި އިންތިޒާމުތަކާއި ބާއްވާނެ ދުވަސް ކަނޑައެޅުމުގެ ކަންކަން ހަމަޖައްސާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
ރޭ ބޭއްވުނު ޤައުމީ މަޖިލީހުގެ ޖަލްސާގައި އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ކޮންގްރެސް ބާއްވަންޖެހެނީ ކޮންމެ 5 އަހަރަކުން އެއް ފަހަރުއެވެ. ނަމަވެސް، ވަކި ޝަރުތުތަކެއްގެ ދަށުން އާދަޔާ ޚިލާފު ކޮންގްރެސްއެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެއެވެ. މިފަދަ ކޮންގްރެސްއެއް ބޭއްވޭނީ ޤައުމީ މަޖިލީހުން ފާސްކުރުމުންނެވެ.
ކޮންގްރެސްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި، އަސާސީ ގަވާއިދު އިސްލާޙުކުރުމާއި، އަދި ޕާޓީ އުވާލުމުގެ ނިންމުން ނިންމުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ހަމަޖެއްސެވީ ޕާޓީގެ ކޮންގްރެސް ޖަލްސާއެއްގައެވެ. އަދި މިފަހަކަށް އައިސް، އެމްޑީޕީގެ ބައެއް މެންބަރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.