ދުނިޔެ
ކާރިސާ ތަކުގައި އެހީވާ އދ ގެ އޭޖެންސީން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަނީ

ނިއު ޔޯކްގައި ހުންނަ އދ ގެ ހެޑްކުއާޓަރސް ފޮޓޯ:ސީއެންއެން
މިދިޔަ ހުކުރު ދުވަހު އދ.ގެ ކުއްލި އަދި ކާރިސާ ތަަކުގައި އެހީތެރިވާ އޭޖެންސީ (އޯސީއެޗްއޭ) އިން ވަނީ އެ އޭޖެންސީގެ މުވައްޒަފުންގެ އަދަދު 20 އިންސައްތަ މަދުކުރުމަށާއި 9 ގައުމެއްގައި ހިންގާ މަސައްކަތްތައް ކުޑަކުރުމަށް ނިންމާފައެވެ. މިއީ އެ އޭޖެންސީއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީގެ ބޭނުންވުން އިތުރުވަމުން ދިއުމާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ.
އޯސީއެޗްއޭގެ އިސްވެރިޔާ ޓޮމް ފްލެޗަރ ވަނީ މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގައި، 2025 ވަނަ އަހަރަށް 60 މިލިއަން ޑޮލަރުގެ ބަޖެޓު އުނިވުމާ ގުޅިގެން "ބޮޑެތި އުނިކުރުންތަކެއް" ގެންނަން ޖެހިފައިވާ ކަމަށް ބުނެފައެވެ. މިގޮތުން ކެމަރޫން، ކޮލޮމްބިއާ، އެރިޓްރިއާ، އިރާގު، ލިބިޔާ، ނައިޖީރިއާ، ޕާކިސްތާން، ތުރުކީ އަދި ޒިމްބާބުވޭގައި ހިންގާ މަސައްކަތްތައް ހުއްޓާލުމަށް ނުވަތަ ކުޑަކުރުމަށް ވަނީ ނިންމާފައެވެ.
އޯސީއެޗްއޭގެ މުވާސަލާތީ ޑިރެކްޓަރ ނަޖްވާ މައްކީ ވިދާޅުވި ގޮތުގައި، މި އުނިކުރުންތަކާ ގުޅިގެން 60 އަށްވުރެ ގިނަ ގައުމުގައި މަސައްކަތްކުރާ 2،600 މުވައްޒަފުންގެ ތެރެއިން 500 މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެއެވެ. މީގެ ކުރިން ވެސް ވަނީ ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލުމާއި ދަތުރުތައް މަދުކުރުން ފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން 3.7 މިލިއަން ޑޮލަރު ސަލާމަތްކުރެވުނު ނަމަވެސް، އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ފްލެޗަރ ވިދާޅުވިއެވެ.
ފްލެޗަރ ވިދާޅުވީ މި އުނިކުރުންތައް ގެންނަނީ އިންސާނީ އެހީގެ ބޭނުން ކުޑަވުމުގެ ސަބަބުން ނޫން ކަމަށެވެ.