ޚަބަރު
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމަށް ތުރުކީން ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅު ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމައިފިއެވެ. މި މުހިންމު ހަދިޔާއާ ގުޅޭ މަޢުލޫމާތު ދިފާޢީ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ހާމަކުރައްވާފައިވެއެވެ.

ޓީސީޖީ 343 މަނަވަރު
ދިފާޢީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލުވުމަށް ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެކެވެ.
މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވުމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.
މި އުޅަނދު ދިވެހިރާއްޖެއަށް ގެނެސް، ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީ ވިލާތުގައި ދިވެހި ސިފައިންގެ ޓީމެއް މިހާރު ދަނީ ތަމްރީނުވަމުންނެވެ. މި އުޅަނދު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހާއި ޖޫން މަހާ ދެމެދުގައި ކަމަށް ތުރުކީގެ ނޫހެއް ކަމަށްވާ 'ތުރްކީ ޓުޑޭ' ގައި ބުނެފައިވެއެވެ.

ޓީސީޖީ 343 މަނަވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމަށް އިސްކަންދެއްވައި، އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. މީގެ ތެރޭގައި ވައިގެ ބާރު އިފްތިތާޙްކުރެއްވުމާއި، އަންމޭންޑް އޭރިއަލް ވެހިކަލްތައް ތަޢާރަފްކުރެއްވުން ހިމެނެއެވެ.
މި އައު މަނަވަރު ރާއްޖެއަށް ލިބުމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.