Ads by Aqeeqa Maldives

ޚަބަރު

އަޟްޙާ ޢީދު: ކުލަގަދަކޮށް އިސްލާމީ އިންތަކާއި މިންގަނޑުތަކަށް ފެތޭނެހެން ޢީދުގެ ހަރަކާތްތައް ބައްޓަންކުރާނަން

އަޟްޙާ ޢީދު: ކުލަގަދަކޮށް އިސްލާމީ އިންތަކާއި މިންގަނޑުތަކަށް ފެތޭނެހެން ޢީދުގެ ހަރަކާތްތައް ބައްޓަންކުރާނަން

އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވައި، އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ފަންނީ ކޮމެޓީ

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

12 އޭޕްރީލު 2025، 09:49

12 އޭޕްރީލު 2025، 09:49

1446ވަނަ އަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރުމަށް ނިންމައިފިއެވެ.

މިކަން މިގޮތަށް ނިންމެވީ އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވައި، އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ފަންނީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ފާއިތުވި އަހަރަށް ވުރެ ފުރިހަމަކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާކަމަށެވެ.  އެގޮތުން ޤައުމީ ފެންވަރުގައި ރަސްމީކޮށް ތިން ސަރަހައްދެއްގައި ޢީދު ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ތިން ސަރަހައްދެއްގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރިނަަމަވެސް  ޢީދުގެ އުފަލުގައި މުޅި ރާއްޖެ ޝާމިލުވާނެހެން ކަންކަން އިންތިޒާމުކުރުމަށްވެސް މަޝްވަރާތައް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު އެކި ހަރަކާތްތައް ޤައުމީ ޓީވީން ދުރަށް ދެއްކޭނެ ގޮތްތަކާގުޅޭ މަޝްވަރާތައް މި ބައްދަލުވުމުގައި ކުރިއަށްގެންގޮސްފައިވެއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ޢީދު ފާހަގަ ކުރުމުގައި އިސްލާމީ އިންތަކާއި މިންގަނޑުތަކަށް ފެތޭނެހެން އީދުގެ ހަރަކާތްތައް ބަންޓަންކުރުމަށް ބާރު އަޅާނެކަމުގައެވެ. ހަމައެހެންމެ އެކަން ކަށަވަރުކުރުމަށް ޙާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޢީދުގެ ޕްރޮޕޯސަލްތައް އެކުލަވާލުމަށް މިންގަނޑުތައް ކަނޑައަޅާ އިރު، އެ ފަދަ ހަރުދަނާ އިޞްލާޙީ ވިސްނުމެއްގެ މައްޗަށް ކަންކަން އެކަށައަޅާނެކަންވެސް އެ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ.

 ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކޮމެޓީގައި ދީނީ ކަންކަމުގައި ލަފާދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކަމަށާއި، ފަންނީ ކަންކަމުގައި ލަފާދެއްވާނީ ދައުލަތުގެ މީޑީއާ ޕީއެސްއެމުން ކަމަށެވެ. އަދި އެހެނިހެން އިންތިޒާމީ އިދާރީ ކަންކަން ބަލަހައްޓަމުން ގެންދަވާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކަމަށްވެސް މަޢުލޫމާތުދެއްވައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS