Ads by Aqeeqa Maldives

ޚަބަރު

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ބޭސްނުލިބުމުގެ މައްސަލަ ދަނީ ހައްލުވަމުން:ޞިއްޙީ ވަޒީރު

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ބޭސްނުލިބުމުގެ މައްސަލަ ދަނީ ހައްލުވަމުން:ޞިއްޙީ ވަޒީރު

މާލޭގެ ބޭސް ފިހާރައެއް ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 10:11

12 އޭޕްރީލު 2025، 10:11

ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު މިހާރު އެ މައްސަލަ ހައްލުވަމުންދާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސިއްޙީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭހުގެ އަގާއި ބޭހުގެ ފެންވަރާ ގުޅޭގޮތުން ފެންމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އެސްޓީއޯގެ މަސައްކަތް ހަރުދަނާކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ސަރުކާރުގެ މަސައްކަތުން ބޭހުގެ ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދައިދޭނަން. އެއީ މި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެ މަންޒަރު ފެންނާތީވެ

ވަޒީރު ނާޡިމް 

ސިއްޙީ ވަޒީރު ވިދާޅުވީ އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށް އެ ނިޒާމު ވަރުގަދަކުރުމާއި، ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރުމުގެ އިތުރުން، ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް އެ މުވައްޒަފުން އިތުރަށް ހުނަރުވެރިކޮށް ގާބިލުކުރުމަށް އެސްއޯޕީތައް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށެވެ.

އޭގެ އިތުރުން، ބޭސް ސިޓީ ދޫކުރުމުގެ ކަންކަމުގައި ބޭނުންކުރާ އާސަންދަ ޕޯޓަލް އިސްލާހު ގެނައުމާއި ފަރުވާގެ ގައިޑްލައިންތައް އިތުރަށް ހެދުމާއި އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުމާއި އެސްޓީއޯ ފާމަސިސްޓުން އިތުރަށް ތަމްރީނުކުރުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ މިއަހަރުގެ މޭ މަހުގެ ނިޔަލަށް ޒަރޫރީ ހުރިހާ ބޭހެއް ފާމަސީތަކުން ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުންކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތުގެ ތެރެއިން، ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރާއްޖެއަށް ކޮލިޓީ ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS