ޚަބަރު
މުލިއާގެއަށް ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ: ވަޒީރު އިޤްބާލް

މުލީއާގެ ފޮޓޯ:ރެޑްއިޓް
މުލީއާގޭގެ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ބޭނުންފުޅުތަކަށް ބޮޑެތި ޚަރަދުތަކެއް ކުރާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ގަނޑުވަރުގެ އެންމެހާ ކަންކަން ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި ވަޒީރު އިޤްބާލް އާދަމް މިފަދައިން ވިދާޅުވެފައި މިވަނީ ޗެނަލް-13 އިން މި މަހުގެ 11 ވަނަ ދުވަހު ގެނެސްދިން ޚަބަރަކާ ގުޅިގެންނެވެ. އެ ޗެނަލުން ވަނީ ރައީސް ކޭން ބެއްލެވުމަށް މި ހަފްތާ ބަންދުގައި އާރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.
ވަޒީރު އިޤްބާލް އާދަމް ވިދާޅުވީ، މުލިއާގޭގެ ބަޖެޓުން ހޭދަކުރެއްވުމުގައި ކުރީގެ ރައީސުންނާ އަޅާބަލާއިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަކަމަށެވެ. އަދި ހުރިހާ ޚަރަދެއްވެސް ކުޑަކުރެއްވުމަށް ރައީސް އަބަދުވެސް ލަފާފުޅުދެއްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ. އަމްދުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ހިސާބުގައި އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް މިކަހަލަ ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަންކަން
ވަޒީރު އިޤްބާލް
ވަޒީރު އިތުރަށް ވިދާޅުވީ، މިފަދަ ހަޤީޤަތެއް ނެތް ޚަބަރުތައް ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.