Ads by Aqeeqa Maldives

ޚަބަރު

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް 2027 ގެ ދިރާސީ އަހަރަށް ތައްޔާރުވާނެ: ރައީސް މުއިއްޒު

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް 2027 ގެ ދިރާސީ އަހަރަށް ތައްޔާރުވާނެ: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 07:32

10 އޭޕްރީލު 2025، 07:32

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރަށް ނިންމައި، 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކިޔެވުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ މިއަދުގެ ޝޯގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި، މިހާރު އެ ސްކޫލުގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށާއި، ސަރުކާރުން އަމާޒު ހިފާފައި ވަނީ އަންނަ އަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިންމަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ނިމެންވާއިރަށް ނިންމުން އަމާޒަކީ، ދެހާސް ސައްބީސް ނިމެންވާއިރަށް، ދެން 2027 ގެ ދިރާސީ އަހަރު ފެށޭއިރަށް އަރަބިއްޔާގެ ދާއިމީ ބޮޑު ސްކޫލަކަށް އިރާދަކުރެއްވިއްޔާ ބަދަލުވާނެ

 ރައީސް މުޢިއްޒު

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިންމަން ކުރީގެ ކޮންޓްރެކްޓަރު ހުށަހެޅި އަގު ކުޑަކުރުމަށް ފަހު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށް އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައެވެ. އެ މަސައްކަތް ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށް 152 މިލިއަން ރުފިޔާއަށެވެ.

އަރަބިއްޔާގެ އައު އިމާރާތުގައި 40 ކްލާސްރޫމް ހިމެނޭނެ ކަމަށާއި، މުޅި އިމާރާތް އޭސީ ކުރަން ކަނޑައަޅާފައިވާއިރު، އަންޑަގްރައުންޑް ޕާކިންއެއް ވެސް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އައު އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ފުރަތަމަ ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ. މިހާރު އެ ސްކޫލުގެ އިމާރާތް ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށްޓަށް ބަދަލުކޮށް، އެ ސްކޫލުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ވިދާޅުވީ އިތުރު ސްކޫލު މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދާށް ގެންދާ ކަމަށެވެ. އޭގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތެއް އެޅުމާއި، މާލޭގައި ދެވަނަ އޭލެވެލް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ހަދަމުންދާ ސްކޫލު މިއަންނަ ނޮވެމްބަރަށް ނިމޭނެއެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުޅުމާލޭގައި އިތުރު ދެ ސްކޫލު އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 8 ސްކޫލުގެ މަސައްކަތް ކުރިއަށް ދާނެ. އެއީ 70 މިލިއަން ޑޮލަރުގެ މަޝްރޫއެއް

 ރައީސް މުޢިއްޒު 

މީގެ އިތުރުން، ތާޖުއްދީން ސްކޫލާއި އިތުރު ސްކޫލެއްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖުމްލަ ގޮތެއްގައި ސްކޫލުތަކަށް 531 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS