ޚަބަރު
ޣައްޒާގެ ހައްޤުގައި އަޑުއުފުލަން މާދަމާ ސައިކަލް ރެލީއެއް

"ޣައްޒާއާ އެކު" ހަރަކާތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ އިލްމްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފޮޓޯ: ނިޝާން އަލީ މިހާރު
ރާއްޖޭގެ ގިނަ އިލްމްވެރިންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ ހައްޤުގައި އަޑު އުފުލުމަށް ސައިކަލް ރެލީއެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ. "ޣައްޒާއާ އެކު" ނަމުގައި އިލްމުވެރިން އިސްނަގައިގެން ފަށާފައިވާ ހަރަކާތްތަކުގެ ތެރެއިން މި ރެލީ ފެށުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަސްފަންނު ސަރަހައްދުން މާދަމާ ހަވީރު 4:15 ގައެވެ.
ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްމުވެރިން ވިދާޅުވި ގޮތުގައި، ޣައްޒާގެ ހައްޤުގައި ވީއެންމެ ބޮޑަކަށް އަޑުއުފުލުމަކީ ޣައްޒާގެ ރައްޔިތުންނަށް ހިތްވަރު ލިބި، އަދާވާތްތެރިން ބަލިކަށިވާނެ ކަމެކެވެ. އަދި ޣައްޒާގައި ހިނގާ އަނިޔާވެރި ޢަމަލުތައް އާންމު ކަމަކަށް ހެދުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށްވެސް އަޑުއުފުލަންޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
މި ރެލީގައި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށްފަހު، ރެލީ ނިންމާލުމަށް ހަމަޖެހިފައިވަނީ ރަސްފަންނުގައި ޚާއްޞަ ދުޢާއަކުންނެވެ. މީގެ އިތުރުން، އިލްމުވެރިންނާއި ޖަމްޢިއްޔާތައް ގުޅިގެން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރުމުގެ މަސައްކަތްތައްވެސް ފުޅާކުރުމަށް ނިންމާފައިވެއެވެ.
މި ރެލީ ބޭއްވުމަށް ނިންމާފައިވަނީ އިޒްރޭލުން ޣައްޒާއަށް ކެނޑިނޭޅި ހަމަލާ ދެމުންދާ ދަނޑިވަޅެއްގައެވެ. އިއްޔެ އާންމުން ދިރިއުޅޭ ގެއަކަށް ދިން ހަމަލާއެއްގައި 23 މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭއިލް ކާޓްޒް އިއްޔެ ބުނެފައިވަނީ ޣައްޒާގެ ބޮޑު ބައެއް އިޒްރޭލުގެ ސަލާމަތީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ޣައްޒާ އިތުރަށް ކުޑަކޮށްލައި އެކަހެރިކަން ބޮޑުކުރާނެ ކަމަށެވެ.