ޚަބަރު
ފަށާ ތަޢުލީމަށް ދޭންޖެހޭ އިސްކަން ކުރީގައި ނުދެވި އޮތް މައްސަލަ ހައްލުކުރުމަށް މިހާރު ވަނީ ފަށާފައި : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ޕޮޑްކާސްޓް
ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރުމުގެ ގޮތުން "ރައްޔިތުންނާ އެކު" މި ނަމުގައި ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތައުލީމީ ހަޔާތުގައި އުޅޭ ކުދިން ރަނގަޅު ގޮތުގައި ނުކުމޭތޯ ޔަގީން ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް އެގޮތުން ވަރަށް އިސްކަމެއް ދެން ހަގީގަތުގައިވެސް ތައުލީމީ ދާއިރާ ތަރައްގީ ކުރަން
ރައީސް މުޢިއްޒު
ރައީސް މުޢިއްޒު ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ސަރުކާރުގެ ސިޔާސަތުގައި ވަރަށް މުހިންމު ދާއިރާއެއް ކަމަށާއި، ޤައުމު ބިނާކުރުމުގައި ކިޔަވައިގެން ތިބި ޒުވާނުން އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ތަޢުލީމީ ހަޔާތުގައި އުޅޭ ކުދިން ރަނގަޅު ގޮތުގައި ނުކުތުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ރިސަލްޓް ތައް ބަލާލާއިރު ދިވެހި އިގިރޭސި އަދި ހިސާބުން އެވްރެޖް ކޮށް ފާސްވާ ނިސްބަތް ،ދިވެއްސާ ހިސާބު ހާއްސަކޮށް ދައްކަން ފާހަގަ ކުރެވޭ ، އެހެންވާކަމަށް ވާނަމަ ވަރަށް ބިރުވެރިކަމެއްއެއީ، ދިވެއްސާއި ހިސާބުން ދައްވީމަ ދެންހުރި މާއްދާތަކަށްވެސް ، ހާއްސަކޮށް ހިސާބު ވަރަށް މުހިންމު އެއްޗެއް ، ފަހު ދެތިން އަހަރު ވަރަށް ބޮޑަށް ދަށްވެފަ ވަނީ ސަރުކާރުން ވަރަށް އިސްކަމެއް އެބަދެން މިކަން ހައްލު ކުރަން ، އެއީއަސްލު ރޫޓްކޯޒްއަށް ދާންޖެހޭ ސަބަބު
ރައީސް މުޢިއްޒު
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ގްރޭޑް 1 އިން ފެށިގެން 6-7 އާ ހަމައަށް ޕާސް ޕަސެންޓޭޖް ވަނީ ދަށްވެފައެވެ. ޚާއްޞަކޮށް ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާތަކުން ފާސްވާ ނިސްބަތް ދަށްވެފައިވާކަން ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި، ރަނގަޅު ފެންވަރުގެ ޓީޗަރުން އުފެއްދުމާއި، ޓީޗަރުންގެ ފަރާތުން ކުދިންނަށް ދެވޭ ތަޢުލީމު ރަނގަޅުކުރުން ހިމެނެއެވެ.
ފަށާ ތައުލީމަށް ދޭންޖެހޭ އިސްކަން ކުރީގަ ނުދެވި އޮތްމައްސަލަ ހައްލުކުރުމަށް ވަރަށް އިސްކަމެއް ދޭން މިހާރު ވަނީ ފެށިފަ ، އޭގެ ނަތީޖާ ފެންނާނީ އަދި ދުވަސްކޮޅެއް ފަހުން . ކޮންމެ އަަހަރަކުވެސް އޭގެ ޕްރޮގްރެސް އެއް ފެންނާނެ ، ދަށްވެގެން ދިޔަ ދިއުން އިރާދަކުރެއްވިއްޔާ ރަނގަޅުކުރުން މިއަހަރުގެ ޓާގެޓަކަށް ވާނީ ، ދެން މިއަންނައަހަރު އެއަށް ވުރެން ރަނގަޅު ކުރުން
ރައީސް މުޢިއްޒު
ރައީސް އިތުރަށް ވިދާޅުވީ ފަށާ ތަޢުލީމަށް ދޭންޖެހޭ އިސްކަން ކުރީގައި ނުދެވި އޮތް މައްސަލަ ހައް މައްސަލަ ހައްލުކުރުމަށް މިހާރު ވަނީ އިސްކަން ދޭން ފަށާފައި ކަމަށެވެ. އަދި މީގެ ނަތީޖާ ފެންނާނީ އަދި ދުވަސްކޮޅެއް ފަހުން ކަމަށާއި، ކޮންމެ އަހަރަކުވެސް މީގެ ކުރިއެރުން ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިއަހަރުގެ ޓާގެޓަކީ ދަށްވެގެން ދިޔަ ނަތީޖާތައް ރަނގަޅުކުރުން ކަމަށާއި، އަންނަ އަހަރު އެއަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.