Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގެ އިތުރު ދެ ސަރަޙައްދެއްގައި ދޮށީގެ މަސްވެރިކަމަށް ކަނދުފަތި އަޅައިފި

ރާއްޖޭގެ އިތުރު ދެ ސަރަޙައްދެއްގައި ދޮށީގެ މަސްވެރިކަމަށް ކަނދުފަތި އަޅައިފި

ކަނދުފަތި ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 12:22

10 އޭޕްރީލު 2025، 12:22

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އިތުރު ދެ ސަރަޙައްދެއްގައި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތި އަޅައިފިއެވެ. މި ކަނދުފަތިތައް އަޅާފައިވަނީ ކ. އަތޮޅާއި ނ. އަތޮޅުގައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެންމެ ފަހުން ކަނދުފަތި އަޅާފައިވަނީ ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުންނާއި، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައެވެ. އަދި މިއިން ކޮންމެ ސަރަޙައްދެއްގައި އަޅާފައިވާ ކޮންމެ ކަނދުފައްޗަކަށްވެސް ޚާއްޞަ ނަންބަރެއް ދީފައިވާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަކަށް މަސް ޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ. ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، މަސް ކަނދުފަތީގެ ގާތަށް ޖަމާވެ، މަސްވެރިކަން ތިޔާގިވެގެންދެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ. އަދި ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ.



މިވަގުތު ރާއްޖޭގައި ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެއް ކަމަށްވާ ހުޅުމާލޭގައި ހުންނަ ސެންޓަރެވެ. ނަމަވެސް، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ޤާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ. މިއީ މި ޚިދުމަތަށް އޮތް ޑިމާންޑްގެ ބޮޑުކަމުން އަޅާ ފިޔަވަޅެއް ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS