Ads by Aqeeqa Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެމްޕަވަރމަންޓް ހަބް" ތަރައްޤީކުރުމަށް މަޝްވަރާ ފެށިއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެމްޕަވަރމަންޓް ހަބް" ތަރައްޤީކުރުމަށް މަޝްވަރާ ފެށިއްޖެ

އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު މަޝްވަރާ ބައްދަލުވުން ފޮޓޯ:އިސްލާމިކް އެފެއާޒް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 11:58

10 އޭޕްރީލު 2025، 11:58

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލްކުރަނިވި މާހައުލެއްގައި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމަށް ތަރައްޤީކުރާ "އެމްޕަވަރމަންޓް ހަބް" ތަރައްޤީކުރުމަށް ޒަކާތު ހައުސްއާއެކު މަޝްވަރާތައް ފަށައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ބައިވެރިވެވަޑައިގެންނެވިއެވެ.

"އެމްޕަވަރމަންޓް ހަބް" ގެ ޚިދުމަތް އަމާޒުކޮށްފައިވަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. މި ހަބްގެ މައިގަނޑު މަޤްޞަދަކީ ސްކޫލް ނިންމުމަށްފަހު މުޖުތަމަޢަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ތަޖުރިބާއާއި އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދިނުމެވެ.

ހުޅުމާލެ ފޭސް 2 ގައި 5500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމްކުރެވޭ މި ހަބްގައި އިންކްލޫސިވް ކެފޭއަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި ވިއްކުމަށް ފިހާރައެއް ހިމެނޭނެއެވެ. މީގެ އިތުރުން، ތަފާތު ވޯކްޝޮޕްތަކާއި ކޮމްޕިއުޓަރ ތަމްރީނު ދޭ ތަނަކާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް އެކްޓިވިޓީ ރޫމެއްވެސް ހުންނާނެއެވެ.



މިއަހަރު ތެރޭގައި ހުޅުވުމަށް ރޭވިފައިވާ މި ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި މި މަޝްރޫޢުގެ ކާމިޔާބީ ގުޅިފައިވަނީ މަދަނީ ޖަމްޢިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ ތަންތަނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޝްވަރާ ބައްދަލުވުންތަކާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ސެޝަންތަކުގެ މަޤްޞަދަކީ މަޝްރޫޢާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުމާއި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.


މި ލިޔުން ކިޔާލުމުން

Ads by MSS