ދުނިޔެ

ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ދޭން ތައްޔާރު : އިންޑޮނޭޝީއާ

ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ދޭން ތައްޔާރު : އިންޑޮނޭޝީއާ

އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޭޕްރީލު 2025، 03:59

09 އޭޕްރީލު 2025، 03:59

އިންޑޮނޭޝިއާއިން ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ދޭން ތައްޔާރު ކަމަަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވިދާޅުވެއްޖެއެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ދިނުމަށް އެ ޤައުމުން ތައްޔާރަށްއޮތް ކަމުގެ ވާހަކަ އެމަނިކުފާނު ވިދާޅުވީ ބުދަ ދުވަހު، މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރުއްވުމުގެ ކުރިން ދެއްވި ބަޔާނެއްގައެވެ.

އދ. އިން ބުނާ ގޮތުގައި، ފާއިތުވި މަހު އިޒްރޭލުން ޣައްޒާގައި އަލުން ދޭންފެށި ހަނގުރާމައިގެ ސަބަބުން މިހާތަނަށް 400،000 އަށްވުރެ ގިނަ މީހުން ގޭދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވެއެވެ. މި ހާލަތުގައި، އިންޑޮނޭޝިއާއިން ފަލަސްތީނުގެ ޒަޚަމްވެފައިވާ މީހުންނާއި ޔަތީމުންނަށް އިސްކަންދީގެން، ފުރަތަމަ ބުރުގައި 1،000 މީހުންނަށް އެހީތެރިވުމަށް ރޭވިފައިވާ ކަމަށް ރައީސް ޕްރަބޯވޯ ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެން ތައްޔާރަށް މިތިބީ ޒަޚަމްވެފައިވާ މީހުން ބަލައިގަންނަން. އެ މީހުން ގެނައުމަށް މަތިންދާބޯޓު ފޮނުވަން ވެސް ތައްޔާރަށް," ރައީސް ޕްރަބޯވޯ ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ފަލަސްތީނުގެ އިސްވެރިންނާއި އެ ސަރަހައްދުގެ އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރަށް އަންގަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގެ އެންމެ ގިނަ އާބާދީ އޮތް މުސްލިމު ޤައުމެވެ. އަދި އިޒްރޭލު-ފަލަސްތީނު މައްސަލައިގައި ދެ ދައުލަތުގެ ހައްލަކަށް އެ ޤައުމުން އަބަދުވެސް ގޮވާލަމުން އަންނަ ކަމަށް ޚަބަރުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ރައީސް ޕްރަބޯވޯގެ މި ދަތުރުފުޅުގައި ތުރުކީގެ ޕާލަމެންޓުގައި ވާހަކަފުޅު ދެއްކެވުމުގެ  ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށްވެސް ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS