ވިޔަފާރި
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ފުރުޞަތެއް: ކުންމިންގ ފެއަރ

މީގެ ކުރިން ބޭއްވި ކުންމިންގ ފެއަރއެއްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމުގެ ފުރުސަތު ލިބިގެންދާ އެންމެ ބޮޑު އެއް ފެއަރ ކަމުގައިވާ 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން (ސީ.އެސް.އޭ އެކްސްޕޯ) ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާއިފިއެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން ބާއްވާމުން އަންނަ "ޗައިނާ ސައުތު-އޭޝިޔާ އެކްސްޕޮޒިޝަން" އަކީ ސަރަހައްދީ ގިނަ ގައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވަމުންނަ އަންނަ ކާމިޔާބު އެކްސްޕޮޒިޝަނެކެވެ. މިއެކްސްޕޮޒިޝަންގައި އެހެން އަހަރުތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގެ ވިޔަފާރިތަކަށާއި، ވިޔަފާރިވެރިންނަށް ބައިވެރިވެ އުފެއްދުންތައް އެގްޒިބިޓްކޮށް ގަނެ ވިއްކުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މިއަހަރުގެ އެކްސްޕޮޒިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގައެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގެ ބޯޑަރު ހުރަސްކޮށް، ދިވެހި އުފެއްދުންތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، އަވަށްޓެރި އަދި އެކުވެރި ޤައުމުތަކުގައި ބައްވާމުން އަންނަ ވިޔަފާރީ ފެއަރތަކާއި، ސެމިނަރތަކުގައި ދިވެހި ވިޔަފާރިތަކާއި، ވިޔަފާރިވެރިން ބައިވެރިކޮށް، ދިވެހި އުފެއްދުންތަކަށް އެކަށީގެންވާ މާކެޓްތައް ހޯދައިދުނިމަށް އެމްބަސީތަކާއި ގުޅިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.
އެގޮތުން ދިވެހިންގެން އުފެއްދުންތަކާއި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ލިބެންހުރި ފުރުސަތައް ދެނެގަނެ، އެފުރުޞަތުތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށައި، ވިޔަފާރިވެރިންނަށް ޙިއްޞާކުރަމުންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް 14 އެޕްރީލް 2025 ގެ ކުރިން ހުށަހެޅުމުން، ދިވެހިރާއްޖެއަށް ބޫތް ލިބޭ މިންވަރަށްބަލައި، ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސަވައިދެއްވަމުން ގެންދަވާނެ ކަމަށެވެ.