ދުނިޔެ
އެމެރިކާގެ ޔޫޓިއުބަރއެއް ސެންޓިނެލީސް ޤަބީލާއާ ބައްދަލުކުރަން އުޅުމުން ހައްޔަރުކޮށްފި

މިކައިލޯ ވިކްޓޮރޮވިޗް ޕޮލިއަކޮވް ފޮޓޯ:އިންޓަނެޓް
ސެންޓިނެލް އައިލެންޑަށް ޤާނޫނާ ޚިލާފަށް ވަދެ، އެތަނުގެ އެކަހެރި ޤަބީލާއާ ބައްދަލުކުރަން މަސައްކަތްކުރި އެމެރިކާގެ 24 އަހަރުގެ ޔޫޓިއުބަރެއް އިންޑިއާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެރިޒޯނާގެ ސްކޮޓްސްޑޭލްއަށް ނިސްބަތްވާ މިކައިލޯ ވިކްޓޮރޮވިޗް ޕޮލިއަކޮވް ހައްޔަރުކުރެވުނީ މާރިޗު 31 ގައެވެ. އޭނާ ހައްޔަރުކުރެވުނީ މާރިޗު 29 ގައި އިންޑިއާގެ އަންޑަމާން އަދި ނިކޮބާ ޖަޒީރާތަކުގެ ތެރެއިން ނޯތު ސެންޓިނެލް އައިލެންޑަށް ވަދެ، އެތަނުގެ ސެންޓިނެލީސް ޤަބީލާއާ ބައްދަލުކުރަން އުޅުނުތާ ދެ ދުވަސް ފަހުންނެވެ.
ޕޮލިއަކޮވް ވަނީ ފާއިތުވި ހަފުތާގައި ކޯޓަށް ހާޒިރުކުރެވި، 14 ދުވަހުގެ މުއްދަތަށް ބަންދުކުރެވިފައެވެ. އޭނާ އަނެއްކާވެސް ކޯޓަށް ހާޒިރުކުރެވޭނީ އޭޕްރީލް 17 ގައެވެ. އޭނާއާ ދެކޮޅަށް ކުރެވިފައިވާ ދަޢުވާތަކަށް އެންމެ ގިނަވެގެން 5 އަހަރުގެ ޖަލު ޙުކުމަކާއި ޖޫރިމަނާއެއް ކުރެވިދާނެއެވެ. އިންޑިއާގެ އިދާރާތަކުން ބުނެފައިވަނީ މި މައްސަލައާ ގުޅޭގާ ގުޅޭގޮތުން އެމެރިކާގެ އެމްބަސީއަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
ސެންޓިނެލް އައިލެންޑަކީ އެތައްހާސް އަހަރުތަކެއް ވަންދެން ބޭރު ދުނިޔެއާ އެކަހެރިވެފައިވާ ރަށެކެވެ. މި ރަށުގެ 5 ކިލޯމީޓަރު ސަރަޙައްދުގެ ތެރެއަށް އެއްވެސް މީހަކު ދިއުން މަނާކުރެވިފައިވެއެވެ. މި ރަށުގައި ދިރިއުޅޭ މީހުން ބޭނުންކުރަނީ ލޮންސި ، ދަނޑި އާއި ވަޅިއެވެ. އަދި ބޭރުގެ މީހުންނާ މެދު ވަރަށް ބޮޑަށް ޝައްކުކުރާ މި މީހުން، އެމީހުންގެ ގޮނޑުދޮށަށް އަރާ ކޮންމެ މީހަކަށްވެސް ހަމަލާދެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޕޮލިއަކޮވް ވަނީ ޖީޕީއެސް ނެވިގޭޝަން ބޭނުންކޮށްގެން ދަތުރުކޮށް، ބައިނޮކިއުލާ ބޭނުންކޮށްގެން ރަށް ސާރވޭކުރުމަށްފަހު ރަށަށް އަރާފައެވެ. އޭނާ ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން ގޮނޑުދޮށުގައި ހުރެ، ރަށުގެ މީހުންގެ ސަމާލުކަން ހޯދުމަށް ވިސުލް ފުމުނުނަމަވެސް، އެއްވެސް ރައްދެއް ލިބިފައެއް ނުވެއެވެ.
އޭގެ ފަހުން އޭނާ ވަނީ ޑައިޓް ކޯކް ދަޅެއް އަދި ކުރުނބާ އެއް ހަދިޔާއެއްގެ ގޮތުގައި ބަހައްޓާ، ވީޑިއޯއެއް ނަގައި، ވެލި ސާމްޕަލްތަކެއް ނަގައި އަނބުރާ އޭނާގެ އުޅަނދަށް ގޮސްފައެވެ.
އަނބުރާ އައުމުގައި އޭނާ ވަނީ މަސްވެރިންނަށް ފެނި، އެމީހުން އިދާރާތަކަށް މަޢުލޫމާތު ދިނުމުން، އަންޑަމާން އަދި ނިކޮބާ ޖަޒީރާތަކުގެ ވެރިރަށް ކަމުގައިވާ ޕޯޓް ބްލެއަރގައި ހައްޔަރުކުރެވިފައެވެ. އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވަނީ ރަށުގެ މީހުންނާ އިންޓަރެކްޓްކުރުން މަނާކުރާ އިންޑިއާގެ ޤާނޫނުތަކާ ޚިލާފުވުމުގެ ކުށުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޕޮލިއަކޮވް ވަނީ ރަށަށް ދިއުމުގެ ކުރިން ކަނޑުގެ ޙާލަތާއި، ދިޔަވަރު އަދި ރަށަށް ވަދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ތަފްޞީލީ ދިރާސާތަކެއް ކޮށްފައެވެ.
"އޭނާ ވަނީ ރަށަށް ގޮސް ސެންޓިނެލް ޤަބީލާއާ ބައްދަލުކުރުމަށް އެތައް ދުވަހެއްގެ މައްޗަށް ވަރަށް ފުރިހަމައަށް ރޭވުންތެރިކަމާއެކު ޕްލޭންކޮށްފައި،" ސީނިއަރ ޕޮލިސް އޮފިސަރ ހަރގޮބިންދަރ ސިންގ ދަލިވާލް ވިދާޅުވިއެވެ.
އިބްތިދާއީ ތަޙްޤީޤުތަކުން ހާމަވެފައިވާ ގޮތުގައި ޕޮލިއަކޮވް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން، އޮކްޓޯބަރު 2022 އަދި ޖަނަވަރީ 2023 ގައި، އިންފްލޭޓަބަލް ކަޔަކް ބޭނުންކޮށްގެންވެސް، މި ޖަޒީރާތަކަށް ދިއުމަށް މަސައްކަތްކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޕޮލިއަކޮވް މި ރަށަށް ދިއުމަށް ޝައުޤުވެރިވެފައިވަނީ އެޑްވެންޗަރ އަދި އެކްސްޓްރީމް ޗެލެންޖްތަކަށް އޮންނަ ލޯބީގެ ސަބަބުންނެވެ. އަދި އޭނާ ވަނީ ސެންޓިނެލީސް މީހުންގެ ސިއްރުވެރިކަމުން ޝައުޤުވެރިވެފައެވެ.
ބޭރު މީހުންގެ ގުޅުމުން އެކަހެރިވެފައިވާ ޤަބީލާތަކުގެ ޙައްޤުތައް ރައްކާތެރިކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ ސަރވައިވަލް އިންޓަރނޭޝަނަލްއިން ބުނެފައިވަނީ ޕޮލިއަކޮވްގެ މި ޢަމަލަކީ "ބުއްދިވެރިކަން ކުޑަ އަދި މޮޔަ" ޢަމަލެއް ކަމަށެވެ.
"މި މީހާގެ ޢަމަލުތަކުން އޭނާގެ އަމިއްލަ ފުރާނައަށް ނުރައްކާވުމުގެ އިތުރުން، މުޅި ސެންޓިނެލީސް ޤަބީލާގެ ފުރާނަތަކަށްވެސް ނުރައްކާވެފައިވޭ،" އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ކެރޮލައިން ޕިއަރސް ބަޔާނެއްގައި ވިދާޅުވިއެވެ.