ދުނިޔެ
ދުބާއީގެ ވަލީއަހުދު ޝޭޚް ހަމްދާން އިންޑިއާއަށް ޒިޔާރާތް ކުރައްވައިފި

ދުބާއީގެ ވަލީއަހުދު ޝޭޚް ހަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލްމަކްތޫމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި
ދުބާއީގެ ވަލީއަހުދު ޝޭޚް ހަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލްމަކްތޫމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދައުލަތުގެ ދަތުރުފުޅުގައި އެ ގައުމުގެ ވެރިރަށް ނިއު ދިއްލީއަށް މިދިޔަ އަންގާރަ ދުވަހު ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރެއްވިއެވެ.
ޝޭޚް ހަމްދާން މި ދެ ދުވަހުގެ ދަތުރުފުޅުގައި ނިއު ދިއްލީ އާއި މުންބާއީއަށް ވަޑައިގަންނަވައެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ވިޔަފާރިވެރިންގެ ވަފުދެއް ބައިވެރިވެއެވެ.
2022 ވަނަ އަހަރު އެކުލަވާލެވުނު ޔޫއޭއީ-އިންޑިއާ ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމެންޓާ ގުޅިގެން ދެ ގައުމުގެ އިގްތިސާދީ ގުޅުން އަވަސް ދުވެއްޔެއްގައި ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ނައްތާލައި، ޓެރިފްތައް ދަށްކޮށް، ވިޔަފާރި ހިންގުމަށް ފަސޭހަކޮށްދީފައިވެއެވެ.
ބައްދަލުވުމަށްފަހު ބޮޑުވަޒީރު މޯދީ އެކްސް ގައި ވިދާޅުވެފައިވަނީ "އިންޑިއާ-ޔޫއޭއީ ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނަރޝިޕް ކުރިއެރުވުމުގައި ދުބާއީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ޚާއްޞަ ދަތުރުފުޅުން އަޅުގަނޑުމެންގެ ފުން އެކުވެރިކަން އަލުން ކަށަވަރުކޮށްދީ، މުސްތަގުބަލުގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދެއެވެ" މިފަދައިންނެވެ.
2023 ވަނަ އަހަރު ދުބާއީ އާއި އިންޑިއާ އާ ދެމެދު ކުރެވުނު ވިޔަފާރީގެ އަގު 45.4 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ 36.7 ބިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
2024 ވަނަ އަހަރު ދުބާއީގެ އެންމެ ބޮޑު އިންވެސްޓަރަކީ އިންޑިއާއެވެ. އެކި ދާއިރާތަކުގައި 3 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދުން އިންޑިއާއިން ވަނީ އިންވެސްޓްކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރި ޚިދުމަތްތަކާއި، ސޮފްޓްވެއަރ އަދި އައިޓީ ޚިދުމަތްތަކާއި، ކާބޯތަކެތި އަދި ބުއިންތަކާއި، އަދި ރިއަލް އެސްޓޭޓް ހިމެނެއެވެ.
މި ދަތުރުފުޅުގައި ޝޭޚް ހަމްދާން އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް އާއި ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރާވެސް ބައްދަލުކުރެއްވިއެވެ.