ޚަބަރު
އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފި

އައްޑޫގެ ލިންކު ރޯޑުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކުރުން- ފޮޓޯ: ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ލިންކް ރޯޑް މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
މި މަޝްރޫޢު ދަށުން ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހަދައި ތަރައްޤީކޮށް، ސީޓީބީ މަގުތަކުގައި ތާރު ނުވަތަ ގައު އަތުރައިގެން މަގު ހަދާނެއެވެ. މީގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުން ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
1،440 ދުވަހުގެ މުއްދަތުގައި ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 829,792,313.63ރ. އެވެ.