ދުނިޔެ
އެހީގެ ބަޖެޓްތައް ކުޑަކުރުމުން މާބަނޑު ދުވަސްވަރު އަންހެނުން މަރުވާ މިންވަރު އިތުރުވެދާނެ : އދ

ޑަބްލިއު އެޗްއޯގެ އެހީތެރިން
އެހީގެ ބަޖެޓްތައް ކުޑަ ކުރުމުގެސަބަބުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި އަންހެނުން މަރުވާ މިންވަރު މަދުކުރުމަށް ކުރެވިފައިވާ އަހަރުތަކުގެ މަސައްކަތްތައް ނިމުމަކަށް އަތުވެދާނެ ކަމަށާއި، މިކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބުނެ އދ. އިން އިންޒާރު ދީފިއެވެ.
އދ. ގެ އޭޖެންސީތަކުން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 2000 އިން 2023 އަށް ދުނިޔޭގެ ފެންވަރުގައި މާބަނޑު ދުވަސްވަރު މަރުވާ އަންހެނުންގެ އަދަދު 40 އިންސައްތަ ދަށްވެފައިވެއެވެ. މިއީ މައިގަނޑު ގޮތެއްގައި އަސާސީ ސިއްހީ ޚިދުމަތްތައް ލިބުން ފަސޭހަވުމުގެ ސަބަބުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، އެމެރިކާ ސަރުކާރުން ބޭރު އެހީ ހުއްޓާލުމާއި، ޔޫއެސްއެއިޑް މެދުވެރިކޮށް ގިނަ ޕްރޮގްރާމްތަކަށް ދެމުން އައި ފަންޑިންގ ނިމުމަކަށް ގެނައުމާ ގުޅިގެން، މި ކުރިއެރުންތައް އަނބުރާ ޖެހިދާނެ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފައިވެއެވެ. މީގެ އިތުރުން، ބްރިޓެން ފަދަ އެހެން ޤައުމުތަކުންވެސް އެހީގެ ބަޖެޓްތައް ކުޑަކުރުމަށް ރާވާފައިވާ ކަމަށް ބުނެފައިވެއެވެ.
"މީގެ އެއް މުހިންމު މެސެޖަކީ، ފަންޑިންގ ކަނޑާލުމުގެ ސަބަބުން ހާސިލުކުރެވިފައިވާ ކުރިއެރުންތައް ގެއްލުމުގެ ނުރައްކާ އޮތުމުގެ އިތުރުން، އަޅުގަނޑުމެންނަށް އަނބުރާ ފަހަތަށް ޖެހިދާނެ ކަމަށް," ޑަބްލިއުއެޗްއޯގެ ޔުނިވަރސަލް ހެލްތު ކަވަރޭޖްގެ އެސިސްޓެންޓް ޑައިރެކްޓަރ ޖެނެރަލް ޑރ. ބްރޫސް އެއިލްވަރޑް ވިދާޅުވިއެވެ.
މި އުނިކުރުންތަކުގެ ސަބަބުން ދުނިޔޭގެ ސިއްހީ ނިޒާމުތަކަށް "ބަލިމަޑުކަމެއްގެ އަސަރުތައް" ކުރަމުންދާ ކަމަށާއި، މިއީ "އެއަށްވުރެ ސްޓްރަކްޗަރަލް، ފުން އަސަރެއް" ކުރާނެ ކަމެއް ކަމަށް އެއިލްވަރޑް އިތުރަށް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި، މި އުނިކުރުންތަކުގެ ސަބަބުން ގިނަ ޤައުމުތަކުގައި މައިންނާއި، އަލަށް އުފަންވާ ކުދިންނާއި، ކުޑަކުދިންގެ ސިއްހަތާ ގުޅޭ މުހިންމު ޚިދުމަތްތައް މިހާރުވެސް ދަށްވަމުންދެއެވެ. މުވައްޒަފުންގެ އަދަދު މަދުވެ، ފެސިލިޓީތައް ބަންދުވެ، ލޭއޮހޮރުމާއި ޕްރީ-އެކްލެމްޕްސިއާ ފަދަ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ލިބުމަށް ދަތިވަމުންދެއެވެ.