ޚަބަރު
ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިއޮންނާނެ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ތެލަސީމިއާ ސެންޓަރަށް ވަޑައިގެންނެވުން - 23 މާރިޗު 2025، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްހަތު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފުރިހަމަ ޞިއްހީ ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމަށެވެ. އަދި މި ކަމުގައި ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ހޯއްދަވާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.
As we mark #WorldHealthDay, I reaffirm the government's steadfast commitment to working together with all stakeholders to strengthen our health system to foster a community where every citizen can experience a healthy beginning, paving the way for a more resilient future.… pic.twitter.com/k6pADqNph9
— Dr Mohamed Muizzu (@MMuizzu) April 7, 2025
މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ގެއްލުންވާ ކޮންމެ ކަމަކުން ދުރުވުމަށް ވެސް މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އެގޮތުން ޞިއްޙަތަށް ފައިދާވާ ކާނާ ކެއުމާއި، ދިރިއުޅުމުގައި ހަރަކާތްތެރިވުމަށާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުއްވުމެއް ބައްޓަންކުރުމަށް ސަމާލުކަން ދިނުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެވޭ ނިޒާމެއް ޤާއިމުކުރުމެވެ. މިކަމަށްޓަކައި އަތޮޅުތެރޭގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި ނިޒާމުގެ ދަށުން ދުރާލާ ބަލިތަކަށް ސްކްރީންކޮށް، ޞިއްހީ ގޮތުން ހޭލުންތެރިކުރުމުގެ އެކި ޕަރޮގުރާމްތައް ދަނީ ހިންގަމުންނެވެ.
އަދި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަހަރަކު ދެ ފަހަރު އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުޞަތު ވަނީ ސަރުކާރުން ހުޅުވާލާފައެވެ. މިކަމުގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ، ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމެވެ.
މީގެ އިތުރުން، ރާއްޖޭގައި ދެވޭ ސިއްޙީ ފަރުވާ ފުޅާކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލުގައި ޓަރޝަރީ ފެންވަރަށް ޚިދުމަތްތައް ޤާއިމުކޮށްފައެވެ. މި ދެ ހޮސްޕިޓަލަށްވެސް އެނދު އިތުރުކޮށްފައިވާއިރު، އައިޖީއެމްއެޗަށް އެނދު އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގެ ޞިއްޙީ ނިޒާމަށް 117 އެނދު އިތުރުކުރުމެވެ.