ދުނިޔެ
ޣައްޒާގެ އާސާރީ ތަރިކަ ޕެރިސްގައި ދައްކާލަނީ

ޕެރިސްގައި ހުޅުވުނު އާ މައުރަޒެއްގައި ޣައްޒާގެ އާސާރީ ތަރިކައިގެ ތެރެއިން ބައެއް ތަކެތި
ހުކުރު ދުވަހު ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުޅުވުނު އާ މައުރަޒެއްގައި ޣައްޒާގެ އާސާރީ ތަރިކައިގެ ތެރެއިން ބައެއް ތަކެތި ދައްކާލަން ފަށައިފިއެވެ. މި މައުރަޒު ހުޅުވާލެވުނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ތާރީޚީ ތަރިކައަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުންނެެވެ.
އިންސްޓިޓިއުޓް ޑު މޮންޑް އަރަބްގައި ބޭއްވޭ މި މައުރަޒުގައި، 4،000 އަހަރު ވެފައިވާ ތަށްޓަކާއި، 6 ވަނަ ޤަރުނުގެ ބައިޒަންޓައިން މޮޒައިކެއް އަދި ގްރީކް އުސްލޫބުގެ އަފްރޮޑައިޓީގެ ބުދެއް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 100 އާސާރީ ތަކެތި ހިމެނެއެެވެ. މި މައުރަޒުގެ ނަމަކީ "ސޭވްޑް ޓްރެޜާރސް އޮފް ގާޒާ: 5،000 އިޔަރސް އޮފް ހިސްޓްރީ" އެވެ.
މި މައުރަޒުގެ ކިއުރޭޓަރ އެލޯޑީ ބޫފާޑް ވިދާޅުވި ގޮތުގައި، މި މައުރަޒުގެ މަޤްޞަދަކީ އޭޝިއާ އާއި އެފްރިކާ ގުޅުވާލާ މުހިންމު ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ޣައްޒާ އޮތް ދުވަސްވަރު ދައްކުވައިދިނުމެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތައްވެސް ފާހަގަކޮށްލުމެވެ.
މައުރަޒުގެ އެއް ބައިގައި މިހާރު ލިބެމުންދާ ގެއްލުންތަކުގެ މިންވަރު ދައްކުވައިދެއެވެ. ޔުނެސްކޯއިން ބުނާ ގޮތުގައި މިހާތަނަށް ޣައްޒާގެ 94 އާސާރީ ތަނަކަށް ގެއްލުން ލިބިފައިވެއެވެ. މީގެ ތެރޭގައި 13 ވަނަ ޤަރުނުގެ ޕާޝާގެ ގަނޑުވަރުވެސް ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1،218 މީހުން މަރުވިއެވެ. އޭގެ ބަދަލުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 50،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެފައިވެއެވެ.
މި މައުރަޒުގައި ހުރި ގިނަ ތަކެތި ވަނީ 2006 އިން ފެށިގެން ޖެނީވާގެ ވެއަރހައުސްއެއްގައި ރައްކާކުރެވިފައެވެ. މި ތަކެތި މިލްކުވެގެންވަނީ ވެސްޓް ބޭންކް ހިންގާ ފަލަސްތީނު އޮތޯރިޓީއަށެވެ.
މި މައުރަޒު ހިނގަމުންދާނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހާ ހަމައަށެވެ.