ދުނިޔެ
އިސްރާއީލް ސިފައިން ޢައްޒާގައި ހިންގި ޖަރީމާއާ ގުޅޭ ރިޕޯޓު ބަދަލުކޮށްފި

ރެޑް ކްރެސެންޓްގެ ވެހިކަލް ތަކަށް ހަމަލާ ދިން ވީޑިއޯގެ ސްކްރީން ޝޮޓް ފޮޓޯ:އިންޓަނެޓް
ޣައްޒާގެ ދެކުނުގައިވާ ރަފާ ސަރަޙައްދުގައި މާރޗް 23 ވަނަ ދުވަހު 15 އިމަޖެންސީ މުވައްޒަފުން މަރާލި މައްސަލައިގައި އިސްރާއީލް ސިފައިން ފުރަތަމަ ދީފައިވާ ރިޕޯޓު ބަދަލުކޮށްފިއެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.
ފުރަތަމަ އިސްރާއީލީ ސިފައިން ބުނެފައިވަނީ ލައިޓް ނުވަތަ ފާހަގަ ނެތް ވެހިކަލްތަކެއް ކައިރިވަމުން އައުމުން ސިފައިން ވަނީ އެ ވެހިކަލްތަކަށް ބަޑިޖަހާފައި ކަމަށާއި، އޭގެ ސަބަބުން ޙަމާސް އަދި އިސްލާމިކް ޖިހާދުގެ 9 މެންބަރުން މަރުވެފައިވާ ކަމަށެވެ. މި މީހުން ދަތުރުކުރަމުން ދިޔައީ ފަލަސްޠީނު ރެޑް ކްރެސެންޓްގެ ވެހިކަލްތަކުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް، މަރުވެފައިވާ މުވައްޒަފެއްގެ ފޯނުން ލިބުނު ވީޑިއޯ ރެކޯޑިންގ އަދި ހަމައެކަނި ދިރި ހުރި މީހާ ކަމުގައިވާ މުންދަރު އަބެދުގެ ބަޔާނުން މި ވާހަކަ ދޮގުކޮށްފައިވެއެވެ. ވީޑިއޯގައި ފެންނަނީ ފަސޭހައިން ދެނެގަނެވޭ، ލައިޓް ދިއްލާފައިވާ އިމަޖެންސީ ވެހިކަލްތަކަކަށް ސިފައިން ބަޑިޖަހަމުންދާ މަންޒަރެވެ. ފަލަސްޠީނު ރެޑް ކްރެސެންޓްގެ ޕެރަމެޑިކެއް ކަމަށްވާ އަބެދު ވެސް ހެކިބަސް ދީފައިވަނީ ސިފައިން ބަޑިޖެހީ ފަސޭހައިން ދެނެގަނެވޭ އިމަޖެންސީ ވެހިކަލްތަކަށް ކަމަށެވެ.
އިސްރާއީލީ ސިފައިންގެ ތަރުޖަމާނެއް މި ތަފާތު ކަށަވަރުކޮށްދީ، ވީޑިއޯ އާއި އެހެނިހެން އޮޕަރޭޝަނަލް މަޢުލޫމާތު ބަލަމުންދާ ކަމަށާއި، ފުރަތަމަ ރިޕޯޓު ކުށަކަށްވީ ސަބަބު ދެނެގަންނަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި މިހާރު ތަޙްޤީޤުކުރަމުން ދަނީ ފުރަތަމަ ފީލްޑް ރިޕޯޓުން ލިބުނު މަޢުލޫމާތު ކުށަކަށްވީ ސަބަބު ކަމަށް ވެސް ބުނެފައިވެއެވެ.
އިސްރާއީލީ މީޑިއާތަކުން، ސިފައިންގެ މަޢުލޫމާތުގެ އަލީގައި ބުނެފައިވަނީ މަރުވި މީހުންގެ ތެރެއިން 6 މީހުން ވަނީ މިލިޓަންޓް ގްރޫޕްތަކުގެ މެންބަރުންގެ ގޮތުގައި ފާހަގަކުރެވިފައި ކަމަށެވެ. ނަމަވެސް މި ފާހަގަކުރުމުގައި ބޭނުންކުރި ހެކި ނުވަތަ މެތަޑޮލޮޖީއެއް ހާމަކޮށްފައެއް ނުވެއެވެ.