ޚަބަރު
މާވަށަށް 800 ކިލޯ ވޯޓްގެ އިންޖީނެއް ގެންގޮސްފި

މާވަށަށް 800 ކިލޯ ވޯޓްގެ އިންޖީނެއް ގެންދިއުން- ފޮޓޯ- ފެނަކަ
ލ.މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް، 800ކވ ގެ އައު އިންޖީނެއް އެރަށަށް ގެންގޮސްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާވަށަށް 800ކވ ގެ އައު އިންޖީނެއް މިހާރު ވަނީ އެރަށަށް ގެންދެވިފައި ކަމަށެވެ. އަދި މި އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. ފެނަކައިން ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޚިދުމަތަށް ބޭނުން ކުރެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ފެނަކައިން ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދެމުންދާއިިރު، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މައްސަލަ ދިމާވާ ރަށްތަކަށް އައު އިންޖީނު ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފެނަކައިން ވަނީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ދާދި ފަހުން 800ކވ ގެ އައު އިންޖީނެއް ފޮނުވާފައެވެ.