ކޮލަމް / ސައިންސް
މައިންކްރާފްޓް: ކުޑަކުދިންގެ އުފެއްދުންތެރިކަމާއި ސިކުންޑި ތަރައްޤީކޮށްދޭ ގޭމެއްތަ؟

މައިން ކްރާފްޓް ފޮޓޯ:އިންޓަނެޓް
މައިންކްރާފްޓަކީ ދުނިޔޭގެ އެންމެ ގިނައިން ވިއްކޭ ކޮމްޕިއުޓަރ ގޭމެވެ. އަދި މިހާރު ހޮލީވުޑް ފިލްމަކަށްވެސް ވެފައިވާ ގޭމެކެވެ. މި ބަލާލަނީ ކުޑަކުދިންނަށް މި ގޭމް ކުޅުން ހުއްޓާނުލެވޭ ސަބަބަށެވެ.
އޭޖޭ މިނޮޓީގެ ތިން ކުދިންވެސް މައިންކްރާފްޓް ކުޅުމަށް ވަރަށް ލޯބިކުރެއެވެ. އޭނާގެ 10 އަހަރުގެ ދެ އަންހެން ކުދިންނާއި 6 އަހަރުގެ ފިރިހެން ކުއްޖާ ގޭމްގައި ހުންނަ ހުސްނުވާ ވަރްޗުއަލް ބްލޮކްތަކުން އެއްޗެހި އަބަދުވެސް ބިނާކުރަމުންދެއެވެ. އޮހައިއޯގައި މާކެޓިންގ ދާއިރާގައި މަސައްކަތްކުރާ މިނޮޓީ، އޭނާގެ ކުދިން ހަދާ ބައެއް އެއްޗެހިން ބައެއްފަހަރު ވަރަށް ބޮޑަށް ހައިރާންވެއެވެ.
"ބައްޕާ، އެއްޗެއް ދައްކާލަން ބޭނުން،" އޭނާގެ އަންހެން ކުއްޖާ އައިސް އޭނާ ގާތު ބުނެ އެކުއްޖާ ގެންގުޅޭ ނިންޓެންޑޯ ސްވިޗްގެ ސްކްރީން ދެއްކިއެވެ. އެ ކުއްޖާގެ އެވަޓަރ ފެންއަރާ ތަނެއްގެ ކުރިމަތީގައި ހުއްޓެވެ. ގޭމްގެ ތެރޭގައި ހުރި ބަޓަނެއް ފިއްތާލުމުން، ފެންއަރާ ތަން ހުއްޓި، ހޮހޮޅައެއްގެ ދޮރު ފެނުނެވެ. އޭގެ ތެރޭގައި ހުރީ ބިމުގެ އަޑީގައި ހަދާފައިވާ ސުޕަރ ލެއަރއެކެވެ. އޭގައި އިންޓަރެކްޓިވް ލައިޓިންގ އާއި ގޭމްގައި އެއްކޮށްފައިވާ އައިޓަމްތައް ބެހެއްޓުމަށް ޑިސްޕްލޭ އޭރިއާތައް ހުއްޓެވެ.
"އެއީ ބިމުގެ އަޑީގައި ހަދާފައިވާ މެންޝަނެއް ކަހަލަ ތަނެއް،" މިނޮޓީ ބުނެ، އެކަމާ ހައިރާންވިއެވެ. "އަހަރެން އެކަމާ ވަރަށް އުފާވެ ހައިރާންވިން." އޭނާގެ އަންހެން ކުއްޖާ ޔޫޓިއުބް ޓިއުޓޯރިއަލްތަކެއް ބަލައިގެން އެކަން ކޮށްފައިވިޔަސް، ގިނަ ބައިތައް އަމިއްލައަށް ޑިޒައިންކޮށްފައިވެއެވެ. "އަހަރެން ކުޑައިރު ކޮމްޕިއުޓަރގައި ގޭމް ކުޅޭއިރު ލިބުނު އިހުސާސްތައް އަނބުރާ ގެނެސްދޭ،" މިނޮޓީ ބުންޏެވެ.
މައިންކްރާފްޓަކީ ދުނިޔޭގެ އެންމެ މަޤްބޫލު ވީޑިއޯ ގޭމްތަކުގެ ތެރެއިން އެއް ގޭމެވެ. 2009 ގައި ފުރަތަމަ ނެރުނު މި ގޭމް، 2023 ވަނަ އަހަރާ ހަމައަށް 300 މިލިއަނަށްވުރެ ގިނަ ކޮޕީ ވިއްކިފައިވެއެވެ. މައިންކްރާފްޓްއާއި ރޮބްލޮކްސް އަދި ޓެރޭރިއާ ފަދަ އެހެން ގޭމްތައް ހުރިހާ އުމުރެއްގެ މީހުން ކުޅެއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންވެސް މެއެވެ. މި ގޭމްއަށް ކުޑަކުދިންގެ ސަމާލުކަން ގަޑިއިރުތަކަކަށް ހިފެހެއްޓޭ ކަމަށް ފެނެއެވެ. މިއީ ސަމާލުކަން ގެއްލޭ ޒަމާނެއްގައި ކުޑަ ކަމެއް ނޫނެވެ. ބައެއް މައިންބަފައިން ކަންބޮޑުވެއެވެ. އެމީހުންގެ ދަރިން މައިންކްރާފްޓަށް ހިތްޖެހިފައިވާ މިންވަރު އޮބްސެޝަނަކަށް ނުވަތަ އެޑިކްޝަނަކަށް ބަދަލުވެދާނެތީ، އެމީހުންނަށް ކުދިން ކޮމްޕިއުޓަރު ސްކްރީނުން ދުރުކުރަން އުނދަގޫވާތީއެވެ.
މައިންކްރާފްޓްގެ މަޤްބޫލުކަން އެހާ ބޮޑުވުމުގެ ސަބަބުން މިހާރު ވަނީ ހޮލިވުޑް ފިލްމެއްގެ ގޮތުގައި އުފެދިފައެވެ. "އަ މައިންކްރާފްޓް މޫވީ" ގެ ނަމުގައި ޖެކް ބްލެކް އަދި ޖޭސަން މޮމޯއާ ހިމެނޭ މި ފިލްމު ރިލީޒްކޮށްފައިވަނީ އޭޕްރީލް 2025ހުގައެވެ.
މާހިރުން ބުނާ ގޮތުގައި މައިންކްރާފްޓް އަދި އެފަދަ ގޭމްތަކުގެ ކާމިޔާބީގެ ފަހަތުގައި އޮތީ ފުން ސައިކޮލޮޖިކަލް - އަދި އިވޮލިއުޝަނަރީ - ސަބަބުތަކެކެވެ. މިފަދަ ގޭމްތަކުން އަޅުގަނޑުމެން އެންމެންގެ ތެރޭގައި އޮންނަ އިންސްޓިންކްޓެއް އާލާކުރެއެވެ - އެއީ އަޅުގަނޑުމެންގެ މުޅި ނަސްލުގެ ކާމިޔާބީގެ އަސާސްކަމުގައިވާ އިންސްޓިންކްޓެކެވެ. އެއީ އެއްޗެހި ބިނާކުރުމުގެ ޝައުޤެވެ.
ވިސްނާލާއިރު، ކުޑަކުދިން އަބަދުވެސް އެއްޗެހި ހެދުމަށް ލޯބިކުރެއެވެ - ވެލިގަނޑުން ސޭންޑް ކާސަލް ހެދުމާއި، ބެޑްޝީޓޫން ފޯޓްރެސް ހެދުމާއި، ޕްލޭ ހައުސް ހެދުން ފަދަ ކަންކަމެވެ. ހަމައެހެންމެ ލަކުޑި ބްލޮކްތަކާއި، ޕްލޭޑޯ އަދި ލެގޯ ޕީސްތައްވެސް ހިމެނެއެވެ. މައިންކްރާފްޓަކީ، ޙަޤީޤަތުގައި، މިބާވަތުގެ ކުޅިވަރުގެ އެންމެ ފަހުގެ އުފެއްދުމެވެ. އެކަމަކު ޑިޖިޓަލް ޖާގައެއްގައެވެ. އެހެންނަމަވެސް ގިނަ ކުޑަކުދިންނަށް އެއްޗެހި ބިނާކުރުމަކީ އެހާ ދޫކޮށްލަން ފަސޭހަ ކަމަކަށްނުވަނީ ކީއްވެގެންތޯއެވެ؟
މެސެޗުސެޓްސްގެ ބޮސްޓަން ކޮލެޖްގައި ކުޑަކުދިންގެ އުނގެނުމުގެ ގޮތްތައް ދިރާސާކުރާ ސައިކޮލޮޖިސްޓް ޕީޓަރ ގްރޭ ބުނާ ގޮތުގައި ހުރިހާ މެމަލްސްއިންވެސް ޅަފަތުގައި ކުޅެއެވެ. މިސާލަކަށް، ޝިކާރަ ހިފާ ޖަނަވާރުތައް ކުޅެނީ އެއްޗެހި ހިފުމުގެ ކުޅިވަރެވެ. ޝިކާރައަށްވާ ޖަނަވާރުތައް އަމަލީގޮތުން ފިލައިގެން ދުވުމާއި ދުއްވުމުގެ ކުޅިވަރު ކުޅެއެވެ.
"އެމީހުން ކުޅެނީ އެމީހުންގެ ދިރިހުރުމަށާއި ނަސްލުބިނާ ކުރުމުގެ ޤާބިލުކަމަށް އެންމެ މުހިންމު ހުނަރުތައް ތަރައްޤީކުރުމަށްޓަކާ" ގްރޭ ބުނެފައިވެއެވެ. އިންސާނުން އެހެން ޖަނަވާރުތަކާ ތަފާތުވަނީ އަޅުގަނޑުމެންގެ ދިރިހުރުން ގިނަ ބައިތަކެއްގައި ބަރޯސާވަނީ އެއްޗެހި ބިނާކުރުމުގެ ޤާބިލުކަމަށް ވާތީއެވެ - ޗަަކައިން ހަދާ ގެތަކުން ފެށިގެން ޝިކާރަ ހިފުމަށާއި ކާނާ އެއްކުރުމަށް ބޭނުންކުރާ އާލާތްތަކާ ހަމައަށެވެ. "ޤުދުރަތީ ގޮތުން ޅަފުރައިގެ މީހުންނަށް އެއްޗެހި ބިނާކުރުމާއި ކުޅިވަރު ކުޅުމުގެ ވަރުގަދަ ޝައުޤެއް އުފައްދައި ދިނުމަކީ އެހާ އަޖައިބުވާންޖެހޭ ކަމެއް ނޫން" ގްރޭ ބުނެފައިވެއެވެ.
ކުޑަކުދިން ބަހާއި ޚިޔާލު ބޭނުންކޮށްގެންވެސް ކުޅޭކަމަށް އޭނާ ފާހަގަކުރެއެވެ. ނުވަތަ ގަވާއިދުތަކާއި އިޖްތިމާޢީ ގުޅުން އަސާސްކަމުގައިވާ ކުޅިވަރުތައް ހަދައެވެ - މިހުރިހާ ކަމަކީވެސް ހެދިބޮޑުވުމަށް ތައްޔާރުވުމުގެ ބައެކެވެ.
ކުޑަކުދިން ކުޅޭއިރު އެއްޗެހި ބިނާކުރަން ޚިޔާރުކުރާ ގޮތާއި، އެ އެއްޗެހި ބިނާކުރާ ގޮތް ޢާންމުކޮށް ދައްކުވައިދެނީ އެމީހުން ދިރިއުޅޭ މުޖުތަމަޢުގެ ސަގާފަތެވެ. "މިއަދު ކުދިން ކޮމްޕިއުޓަރުގައި ކުޅުމަށް ވަރަށް ޝައުޤުވެރިވާކަމީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ހައިރާންވާންޖެހޭ ކަމެއް ނޫނެވެ - އަދި އެކަމާ ކަންބޮޑުވާންވެސް ނުޖެހޭ" އޭނާ ބުނެފައިވެއެވެ.
ނިއު ޔޯކް ޔުނިވަރސިޓީގެ ކޮމްޕިއުޓަރ ސައިންޓިސްޓް ޖޫލިއަން ޓޮގެލިއުސްއަށް އޭނާގެ ދަރިފުޅުގެ ކިބައިން އެއްޗެހި ބިނާކުރުމުގެ ޝައުޤު ފެންނަން ފަށާފައިވާކަން ފާހަގަކުރެވިފައިވެއެވެ - އެ ކުއްޖާގެ އުމުރުން އަދި 3 އަހަރުވެސް ނުވެއެވެ. ނާސަރީގައި، އޭނާ ފެށީ ޓަނަލްތައް ހަދާ، އޭގެ ތެރެއިން ކުޅޭ ރޭލު އަދި ބަހާއި ޓްރަކުތައް ދުއްވޭ ގޮތަށެވެ. ޓޮގެލިއުސް ކިޔައިދިނެވެ. އޭނާގެ ދަރިފުޅު ތަންކޮޅެއް ބޮޑުވުމުން، ކޮމްޕިއުޓަރއަކީ ދޫކޮށްނުލެވޭ އެއްޗަކަށް ވެދާނެއެވެ. މުހިންމު ކަމަކީ، ސޭންޑްބޮކްސް ގޭމްތަކުން - މައިންކްރާފްޓް ފަދަ ވަކި ލަނޑުދަނޑިއެއް ނެތި ކުޅޭމީހާގެ އުފެއްދުންތެރިކަން ދޫކޮށްލުމުގެ މިނިވަންކަން ދޭ ވީޑިއޯ ގޭމްތައް - ކޮމްޕިއުޓަރުގައި އެއްޗެހި އުފެއްދުމާއި އިންޓަރެކްޓްވުން ފަސޭހަކޮށްދެއެވެ.
"މައިންކްރާފްޓް ދުނިޔޭގައި،އެއްޗެއް އުފެއްދުމަކީ ސީދާ އަދި ފަސޭހަ ކަމެކެވެ،" އޭނާ ކިޔައިދިނެވެ. "އެއީ ކޯޑު ލިޔުމަށްވުރެ މާ ފަސޭހައެވެ." އެހެން ބަހަކުން ބުނާނަމަ، މިފަދަ ގޭމްތަކުން ފުއްދައިދެނީ އެއްޗެހި ބިނާކުރުމުގެ ޠަބީޢީ ޝައުޤެވެ. އާންމުކޮށް ކޮމްޕިއުޓަރުތަކުން އެ ޝައުޤު ހުރަސްކުރެވޭއިރު، ޚާއްޞަކޮށް ކުޑަކުދިންނަށް އެކަން ކުރެވެއެވެ.
ނަމަވެސް ބިނާކުރުމުގެ ކުޅިވަރަކީ ހަމައެކަނި މަޤްޞަދެއް ނޫނެވެ. ގޭމްގެ ސޭންޑްބޮކްސް މޯޑުން ކުޅޭމީހުންނަށް މިނިވަންކަމާއެކު އުފެއްދުންތެރިކަން ދައްކުވައިދެވޭއިރު، ސަރވައިވަލް މޯޑްވެސް އެބައޮތެވެ. އެ މޯޑުގައި ކުޅޭމީހާ ކުރިމަތިލާންޖެހެނީ ދުޝްމަނުންނާއެވެ. މިނޮޓީ ފާހަގަކުރާ ގޮތުގައި ގޭމްގައި އިޖްތިމާޢީ ކަންކަންވެސް ހިމެނެއެވެ. އޭނާގެ ކުދިންނަށް އެކުވެރިންނާއި ގާތްތިމާގެ މީހުންނާ ބައްދަލުނުކުރެވޭ ހިނދު، އެމީހުންނާ އޮންލައިންކޮށް ބައްދަލުކުރެވެއެވެ: "އެއީ ވަރްޗުއަލް ހޭންގްއައުޓް ޖާގައަކަށް ވެއެވެ."
މައިންކްރާފްޓަކީ ކުޑަކުދިންނަށް އެމީހުންގެ އަމިއްލަ ދާއިރާ ހޯދޭނެ ވަރްޗުއަލް ކުޅޭ ބިމެއްގެ ގޮތުގައި ދެކުމަށް ބުރަވެވެއެވެ - އެއީ ކުދިންނަށް ވަރަށް ގިނަ ހަރަކާތްތަކާއި ކުޅުމުގެ ސްޓައިލްތައް ޚިޔާރުކުރެވޭތީއެވެ.
ޓޮގެލިއުސްއިން މައިންކްރާފްޓްގައި ކުޅޭމީހުންގެ ވައްޓަފާޅިން އެމީހުންގެ ޝަޚްޞިއްޔަތުގެ ސިފަތައް ހާމަވާ ގޮތް ދިރާސާކޮށްފައިވެއެވެ. އޭނާ ބުނާ ގޮތުގައި، ކުޅޭމީހުންނަށް ދެވިފައިވާ މިނިވަންކަމުގެ ސަބަބުން، މިސާލަކަށް އާކޭޑް ކްލާސިކް އެސްޓެރޮއިޑްސްގައި ކުޅޭމީހުން ސްޕޭސް ރޮކްތަކަށް ވަޒަން ޖަހާ ގޭމަށްވުރެ މައިންކްރާފްޓްގައި އަމިއްލަ ނަފްސު ފާޅުކުރުން ފަސޭހައެވެ. އޭނާގެ ދިރާސާގެ ބައެއްގެ ގޮގެ ގޮތުން، ޓޮގެލިއުސްއާއި އޭނާގެ އެކުވެރިން ބޮޑެތި މީހުންނަށް އެމީހުންގެ ޝަޚްޞިއްޔަތުގެ ތަފްޞީލުތައް ހާމަކުރާ ސުވާލު ކަރުދާހެއް ފުރުމަށް އެދުނެވެ.
އެއަށްފަހު އެމީހުން އެ ނަތީޖާތައް އަޅާކިޔާފައިވަނީ ކޮންމެ ބައިވެރިއަކު މައިންކްރާފްޓް ކުޅުނު ގޮތާއެވެ. ބައިވެރިންގެ ގޭމްގައި ދައްކާ ވައްޓަފާޅިތައް ވަކި ސިފަތަކާ ގުޅިފައިވާކަން ފާހަގަކުރެވުނެވެ.
"ގޭމްގައި މައިގަނޑު މިޝަން ނުނިންމުމުން ވަރަށް ބޮޑަށް ދޭހަވަނީ މިނިވަންކަމެވެ،" ޓޮގެލިއުސް ބުނެފައިވެއެވެ. އަދި ސުވާލު ކަރުދާހުގައި އާއިލީ އަގުތަކަށް ވަރަށް އަހަންމިއްޔަތުކަން ދޭކަމަށް ފާހަގަކޮށްފައިވާ މީހުން އެކަން ނޭނގި ގޭމްގެ ތެރެއިން ދައްކުވައިދިނެވެ. "އެމީހުން ކުދި ގެތަކާއި ފެންސް ޖަހައިގެން ގެތަށް އަޅައެވެ." ޓޮގެލިއުސްއިން ކުޑަކުދިންނާއެކު މި ދިރާސާ ތަކުރާރުކޮށްފައި ނުވިޔަސް، އޭނާ ބުނާ ގޮތުގައި ކުޑަކުދިންގެ ޝަޚްޞިއްޔަތުވެސް ގޭމްގެ ތެރެއިން ފާޅުވާނެކަމާމެދު އޭނާ ހައިރާނެއް ނުވާނެއެވެ.
އަދި އޭނާގެ ސަރވޭގައި މައިންކްރާފްޓް ކުޅޭ މީހުން އާންމު އާބާދީއާ ތަފާތުވާކަން ފާހަގަކުރެވުނެވެ. އެމީހުން ވަރަށް ބޮޑަށް ކަންކަމާމެދު މާޔޫސްވެ، ބަދަލުހިފުމުގެ ސިފަ މާ ކުޑައެވެ.
ސޭންޑްބޮކްސް ގޭމްތަކުގައި ހުންނަ ފުޅާ މިނިވަންކަމުން ގިނަ މީހުންނަށް އެ ގޭމްތައް މަޤްބޫލުވުމަށް މަގުފަހިވެއެވެ. ޓެކްސާސް ޓެކް ޔުނިވަރސިޓީގެ ސައިކޮލޮޖިސްޓް ބެއިލީ ބްރަޝިއާސް ބުނާ ގޮތުގައެވެ. ބްރަޝިއާސްއިން ފާއިތުވި އަހަރު ޝާއިޢުކުރި ތީސިސްއެއްގައި މައިންކްރާފްޓް ސައިކޮލޮޖިކަލް ރިސާރޗް ޓޫލެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ގޮތް ބަޔާންކޮށްފައިވެއެވެ. ބްރަޝިއާސްއިން ފާހަގަކޮށްފައިވަނީ ގޭމްޕްލޭގެ ވަކި ފަސް ބައެކެވެ. އެއީ އިޖްތިމާޢީ ބައި، ހަނގުރާމައިގެ ނުވަތަ އެކްސްޕްލޯރޭޝަން މެދުވެރިކޮށް ކުޅަދާނަކަން އިޙްސާސްކުރުމުގެ ފުރުޞަތު، އިންޖިނިއަރިންގ، އުފެއްދުންތެރިކަން އަދި ފަހުން ސަރވައިވަލް އަސާސްކަމުގައިވާ ގޭމްޕްލޭއެވެ.