ސައިންސް
އާޓިފިޝަލް ހަކުރު ބޭނުންކުރުމުން ކާހިތްވާވަރު އިތުރުވެދާނެކަމަށް ދިރާސާއަކުން ދައްކައިފި

އާޓިފިޝަލް ހަކުރު ފޮޓޯ:އިންޓަނެޓް
ކެލަރީ ނުހުންނަ ސުކްރަލޯސް ފަދަ ރަހަ މީރުކުރާ ތަކެތި ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަން ކުޑަކުރުމުގެ ބަދަލުގައި އިތުރުވެދާނެކަމަށް ދައްކުވައިދޭ ހެކިތައް އިތުރުވަމުންދާ ކަމަށް ބުނެ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ 2023 ވަނަ އަހަރުގެ މެއި މަހު އިންޒާރެއް ދީފައެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ ކެކް ސްކޫލް އޮފް މެޑިސިންގެ ޑައިބެޓީސް އެންޑް އޮބެސިޓީ ރިސަރޗް އިންސްޓިޓިއުޓްގެ ޑައިރެކްޓަރ ޑރ. ކޭޓީ ޕޭޖް ވިދާޅުވީ، "ސުކްރަލޯސް ބޭނުންކުރުމުން މީހުންގެ ކާހިތްވުން ގާތްގަނޑަކަށް 20 އިންސައްތަ އިތުރުވެފައިވާ" ކަމަށެވެ.
މި ދިރާސާގައި ހަމައެކަނި ސުކްރަލޯސްގެ އަސަރު ބަލާފައިވާ ކަމަށާއި، އެސްޕަޓޭމް، އެސެސަލްފޭމް-ކޭ އަދި ސޯޑިއަމް ސެކަރިން ފަދަ އެހެން ރަހަ މީރުކުރާ ތަކެތީގެ އަސަރު ބަލާފައި ނުވާކަމަށް ޑރ. ޕޭޖް ވިދާޅުވިއެވެ.
ޕްރިވެންޓިވް އެންޑް ލައިފްސްޓައިލް މެޑިސިންގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޑޭވިޑް ކެޓްޒް ވިދާޅުވީ މިއީ "ވަރަށް ފެންވަރު ރަނގަޅު ދިރާސާއެއް" ކަމަށެވެ. އަދި މި ދިރާސާއިން ދައްކުވައިދެނީ "ކެލަރީ ނުހުންނަ މީރުކުރާ ތަކެތި، ޚާއްޞަކޮށް ސުކްރަލޯސް، ބޭނުންކުރުމުން އާންމު ގޮތެއްގައި ކެއުމުގެ ހޭނުން ކޮންޓްރޯލް ކުރުމަށް ހުރަސްއަޅާ" ކަމަށެވެ.
ނަމަވެސް، ސްޕްލެންޑާ އުފައްދާ ކުންފުނީގެ ފަރާތުން ބުނެފައިވަނީ ކެލަރީ މަދު ނުވަތަ ނުހުންނަ މީރުކުރާ ތަކެތި ބޭނުންކުރުމަކީ ޞިއްޙީ ތަޖުރިބާކާރުންނާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މާހިރުން އެއަށް ތާއީދުކުރާ ކަމެއް ކަމަށެވެ. އަދި މިފަދަ ތަކެތި ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމަށާއި ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.