ދުނިޔެ
ޢައްޒާގެ އެމްބިއުލާންސް ތަކަށް އިސްރާއީލުން ހަމަލާދިނީ ގަސްތުގައިކަން ކަށަވަރުވެއްޖެ

ޢައްޒާގައި ހަމަލާދީފައިވާ ބައެއް އެމްބިއުލާންސް ފޮޓޯ:އިންޓަނެޓް
ޢައްޒާގެ ސިވިލް ޑިފެންސްއިން ބުނެފައިވަނީ އިސްރާއީލުގެ ސިފައިން "ފުރިހަމަ ހަނގުރާމައިގެ ކުށެއް" ކޮށްފައިވާކަމަށެވެ. މިހެން ބުނެފައިވަނީ މޭ މަހުގެ ކުރީކޮޅު ރަފާހުގައި އިންސާނީ އެހީގެ މަސައްކަތުގައި އުޅުނު 15 ޕެރަމެޑިކުންނަށް ގަސްދުގައި ހަމަލާދީފައިވާކަން ދައްކުވައިދޭ އައު ވީޑިއޯ ފުޓޭޖެއް ހާމަވުމާ ގުޅިގެންނެވެ. މި 15 ޕެރަމެޑިކުންގެ ތެރޭގައި ފަލަސްތީނު ރެޑް ކްރެސެންޓްގެ 8 މުވައްޒަފުން ހިމެނެއެވެ.
ސިވިލް ޑިފެންސްގެ ޚަބަރު ފަތުރާ ފަރާތް މަޙްމޫދު ބަސަލް ވިދާޅުވީ، މި ވީޑިއޯއިން ޕެރަމެޑިކުން މަސައްކަތް ކުރަމުން ދިޔައީ ހަނގުރާމައިގެ ސަރަހައްދަކުން ބޭރުގައި ކަމާއި، އެމީހުންނަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެހީތެރިވާ ބައެއްކަން ސާފުކޮށް އެނގޭކަމަށެވެ.
މި ވީޑިއޯ ފެނިފައިވަނީ މަރުވި ޕެރަމެޑިކުންގެ ތެރެއިން އެކަކުގެ މޯބައިލް ފޯނުންނެވެ.
"މި ފުޓޭޖުން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވަނީ އިސްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން ޕެރަމެޑިކުންނާއި އެހީތެރިންނަށް ސިސްޓަމެޓިކްކޮށް އަދި ގަސްދުގައި ޓާގެޓް ކުރަމުންދާކަން،" ބަސަލް ވިދާޅުވިއެވެ.
ބަސަލް ފާހަގަކުރެއްވި ގޮތުގައި ވީޑިއޯގައި ދައްކަނީ އެމްބިއުލާންސް ދުއްވަމުންދާ މަގުމަތީގައި އެއްވެސް ސިފައިންގެ ހަރަކާތެއް ނެތްކަމެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްބިއުލާންސްގައި ރެޑް ކްރެސެންޓްގެ ނިޝާން ޖަހާފައިވާ ކަމާއި، ރަތާއި ނޫކުލައިގެ ކުއްލި ނުރައްކަލުގެ ބައްތިތައް ދިއްލާފައިވާ ކަމާއި، ޕެރަމެޑިކުން އޮރެންޖް ކުލައިގެ ވެސްޓް ލައިގެން ތިބިކަމެވެ. މިއީ އެމްބިއުލާންސް ނުވަތަ ޕެރަމެޑިކުން ފާހަގަކުރެވޭގޮތަށް ނެތްކަމަށް އިސްރާއީލުން ދައްކާ ވާހަކަތައް ދޮގުކޮށްދޭ ކަންކަމެވެ.
މިއީ ފަލަސްތީނުގެ އެހީތެރިންނާ ދެކޮޅަށް ހިންގާފައިވާ ފުރިހަމަ ހަނގުރާމައިގެ ކުށެއް
ބަސަލް