ދުނިޔެ
އުމުރުން 2 ދުވަސް ނުވާ މަލަކް ފެނުނީ ގަހަކުން އެންމެ ބޮޑަށް އަސަރުކުރީ މަލަކްގެ ވާހަކައިން : ޑރ އަބޫ ޚަތްލެހް

މަލަކް އަދި އަބޫ ޚަތްލެހް ފޮޓޯ: އިންޓަނެޓް
ހުލާސާ
އުމުރުން ހަފްތާއެއް ނުވާ، ވަރަށް ބޮޑަށް ހިކިއަނަރޫފަވެފައިވާ ތުއްތު މަލަކް، ޣައްޒާގެ އެންމެ ދެކުނު ސަރަހައްދުގައިވާ ރަފާގެ އެމިރޭޓްސް ހޮސްޕިޓަލަށް ގެނެވުނުއިރު އޭނާއަށް ނަމެއްވެސް ކިޔާފައެއް ނެތެވެ. އޭނާގެ އާއިލާ މަރުވެފައިވާ ކަމަށް ލަފާކުރެވުނެވެ. އެހެންކަމުން ޞިއްޙީ މަސައްކަތްތެރިން އޭނާއަށް ކިޔާފައިވަނީ "އަންނޯން" އެވެ.
މިއަދު، އުމުރުން 6 މަސްވެފައިވާ މަލަކްއަކީ، އޭނާގެ ބަލަދުވެރިޔާ ކަމުގައިވާ އުމުރުން 32 އަހަރުގެ ކުޑަކުދިންގެ ޑޮކްޓަރު އަމަލް އަބޫ ޚަތްލެހް މަސައްކަތްކުރާ ވޯޑުތަކުގެ ތަރިއެވެ. އަބޫ ޚަތްލެހް މަލަކް - ގޮވައިގެން ހޮސްޕިޓަލުގައި އުޅޭއިރު، އެހެން މުވައްޒަފުން އޭނާއަށް ބޮސްދީ އުރާހަދައެވެ.
"ހަނގުރާމައިގެ ސަބަބުން އަހަރެމެންނަށް ވަރަށް ގިނަ ހިތާމަވެރި ވާހަކަތައް އަޑުއިވުނު. އެކަމަކު އެންމެ ބޮޑަށް އަހަރެންނަށް އަސަރުކުރީ މަލަކްގެ ވާހަކައިން،" އަބޫ ޚަތްލެހް ނޫސްވެރިންނަށް ކިޔައިދިނެވެ.
މަލަކް ފެނުނީ މެދު ޣައްޒާގައި އޭނާގެ އާއިލާގެ ހަލާކުވެފައިވާ ގެއާ ކައިރީގައިވާ ގަހަކުންނެވެ. ނޮވެމްބަރު މަހު އޭނާގެ އާއިލާގެ އެހެން މެންބަރުން މަރުވި ހަމަލާގައި އޭނާ ގަހުގެ ގޮފިތަކުގެ މައްޗަށް އެއްލާލެވުނު ކަމަށް ބެލެވެއެވެ.
އުތުރު ޣައްޒާގައިވާ އަލް-ޝިފާ ހޮސްޕިޓަލަށް ފަރުވާއަށް ގެންދެވުމަށްފަހު، ނިއުބޯން ޔުނިޓުގެ އިސްވެރިޔާ ޑރ. ނާސިރު ބޮލްބޮލް ވިދާޅުވީ، މަލަކްގެ ފޫޅަށް ބަލާއިރު އޭނާގެ އުމުރަކީ 2 ދުވަސް ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޮލްބޮލް އިތުރަށް ވިދާޅުވީ، އޭނާއާއި އޭނާގެ އެކުވެރިން ދެކޭގޮތުގައި މަލަކް ސަލާމަތްވެފައިވަނީ މަލާއިކަތް ބޭކަލެއްގެ އެހީގައި ކަމަށާއި، އެއީ އޭނާއަށް އެ ނަން ދިނުމަށް އިލްހާމް ލިބުނުނު ސަބަބު ކަމަށެވެ. "މި ކުޑަކުއްޖާ އާއިލާގެ އެއްވެސް މެންބަރަކު ނެތި ފެންނައިރު، އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން. ވަރަށް ދެރަވޭ" އޭނާ ބުންޏެވެ.
ކަރަންޓު ކެނޑޭ މިންވަރު އިތުރުވަމުން ދިޔުމާއި، ތަކެތި މަދުވަމުން ދިޔުމާއި، އިސްރާއީލުގެ ބާރުތަކާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގާ ހަމަލާތައް ހޮސްޕިޓަލާ ކައިރިވަމުން ދިޔުމާއެކު، މަލަކް އެމިރޭޓްސް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. އޭނާއާއެކު އިތުރު 30 ކުޑަކުދިން އެހެންތަންތަނަށް ބަދަލުކުރެވުނެވެ.
އަބޫ ޚަތްލެހް ފުރަތަމަ މަލަކްއާ ބައްދަލުވީ އޭނާގެ އަމިއްލަ ރަށަށް ބަދަލުކުރެވުނު ފަހުން އޭނާއަށް ފަރުވާދޭން ފެށުމުންނެވެ.
އެހެން ދެ ކުއްޖަކު އެކުދިންގެ ތިމާގެ މީހުން ގެންދިޔުމަށްފަހު، އަދި ބާކީ ތިބި ކުދިން އިތުރު ފަރުވާއަށް މިޞްރަށް ބަދަލުކުރުމަށްފަހު، ހަމައެކަނި މަލަކް އެކަނި އާއިލާއެއް ނެތި، ނަމެއްވެސް ނެތި ޑޮކްޓަރުންގެ ހަވާލުގައި ހޮސްޕިޓަލުގައި ހުއްޓެވެ.
"އަހަރެން ވަރަށް ބޮޑަށް އަސަރުކޮށް، އޭނާއާ ވަރަށް ގާތްވެއްޖެ،" އަބޫ ޚަތްލެހް ބުންޏެވެ. އޭނާ އިތުރަށް ކިޔައިދިންގޮތުގައި، ޣައްޒާގެ ޞިއްޙީ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު، ތުއްތު މަލަކް ގެއަށް ގެންގޮސް، އޭނާ ކުރިމަތިލާންޖެހުނު ކަންތައްތަކަށްފަހު އޭނާއަށް އަޅާލާނެ ކަމުގެ ވަޢުދުވެފައިވާކަމަށެެވެ.
އޭގެފަހުން، އޭނާގެ އާއިލާއިން މަލަކް ގެންގުޅުމަށް އެހީތެރިވެދޭ ކަމަށާއި، ހޮސްޕިޓަލުން އޭނާއަށް ކިރާއި ޑައިޕަރު ފޯރުކޮށްދޭ ކަމަށް އޭނާ ބުންޏެވެ. މަލަކް 2 މަސްދުވަހު އިންކިއުބޭޓަރުގައި އޮތުމުގެ ސަބަބުން އޭނާގެ ހެދިބޮޑުވުން ލަސްވެފައިވާނެކަމަށް ކަންބޮޑުވި ނަމަވެސް، އޭނާ ބުނީ "އަހަރެންގެ ދައްތަގެ ކުދިންނާއެކު އޭނާ މުޢާމަލާތްކުރުވަން މަސައްކަތްކުރިން، އަދި އަލްޙަމްދުލިއްލާހް އޭނާއަށް އެކަން ކުރެވުނު" ކަމަށެވެ. މަލަކް "މިހާރު ޞިއްޙީގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ރަނގަޅު" ކަމަށް އޭނާ ކިޔައިދިނެވެ.
އާއިލާއާއެކު ގުޅުން ބަދަހިވުމުން މަލަކްއަށް ވަރަށް ބޭނުންވެފައިވާ ލޯތްބާއި އަޅާލުން ލިބުނެވެ. ޔުނިސެފްގެ ފަހުގެ އަންދާޒާއަކުން ދައްކާގޮތުގައި މަލަކްއަކީ ޣައްޒާގައި އާއިލާއާ ވަކިވެފައިވާ ނުވަތަ އެކަހެރިވެފައިވާ މަދުވެގެން 17,000 ކުދިންގެ ތެރެއިން އެކެކެވެ.
އަބޫ ޚަތްލެހް ވިދާޅުވީ އޭނާގެ އާއިލާއިން އޭނާގެ އަންހެން ދަރިއަކު ބަލަހައްޓާ މައެއްގެ ގޮތުގައި އޭނާ އަދާކުރާ އައު ދައުރު ބަލައިގަނެ، މަލަކްއާމެދު "އަމިއްލަ ދަރިއެއްގެ ގޮތުގައި" ކަންތައްކުރާ ކަމަށެވެ.
"އަހަރެން މައިންބަފައިންނަށް އެންގީމަ، އެމީހުން ވަރަށް އުފާވެ ބުނީ މައްސަލައެއް ނެތޭ. 'އޭނާއަކީ އަހަރެމެންގެ އަންހެން ދަރިއެއް، އަހަރެމެން އޭނާ ބަލާނަމޭ' އެންމެން އޭނާއާމެދު ކަންތައްކުރަނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ،" އޭނާ އިތުރުކުރެއްވިއެވެ.
އަބޫ ޚަތްލެހް މަސައްކަތްކުރައްވާ ނިއުބޯން ޔުނިޓުގެ އިސްވެރިޔާ ޑރ. މުޙައްމަދު ސަލާމާ ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިން ބަލަހައްޓަން ބޭނުންވާ މީހުން މަދެއް ނޫން ކަމަށެވެ. ނަމަވެސް ޔަތީމްވެފައިވާ ކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ މީހުން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަކުދިން ދޫކޮށްލުމަކީވެސް އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރުވެސް އަހަރެމެންނާއި ކުޑަކުދިންނާ ދެމެދު ގުޅުމެއް އެބައޮތް. އަހަރެން އިހުސާސްކުރަނީ ބައްޕައެއްގެ ގޮތުގައި، ޑޮކްޓަރެއްގެ ގޮތުގައެއް ނޫން،" އޭނާ އިތުރުކުރެއްވިއެވެ.
މެދުއިރުމަތީގައި އާންމުކޮށް ނޭނގޭ މީހުން ކުދިން ބަލައިގަތުމަކީ މަދު ކަމެކެވެ. އާދަކާދައިގެ ގޮތުން މައިންބަފައިން ގެއްލިފައިވާ ކުދިން ބަލަހައްޓަނީ ތިމާގެ މީހުންގެ ވިއުގައިންނެވެ. ނަމަވެސް ޔުނިސެފްއިން ބުނާ ގޮތުގައި އަމިއްލަ ދަރިންނަށް ކާންދީ ހިޔާވަހިކަން ދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކުން އިތުރު ކުދިން ބަލަހައްޓަން ޖެހިލުންވެދާނެއެވެ.
ސަލާމާ ވިދާޅުވީ މަލަކްއަކީ "އަހަރެމެންގެ ތެރެއިން އެކަކު، އަހަރެމެންގެ ޓީމުގެ މެންބަރެއް" ކަމަށެވެ.
މަލަކް އުރައިގައި ބައިންދައިގެން ހުރެ، އަބޫ ޚަތްލެހް ވިދާޅުވީ އޭނާ އަދިވެސް ދިރިތިބި ތިމާގެ މީހުން ތިބިތޯ ބަލަމުންދާ ކަމަށެވެ.
"މަލަކް އަހަރެންނާއެކު އޮތް މުސްތަޤުބަލާ ބެހޭގޮތުން، އަހަރެން މިކަން ދޫކޮށްލާފައި މިވަނީ މާތްﷲއަށް،" އޭނާ ބުންޏެވެ.