Ads by Farudhun

ޚަބަރު

މި ސަރުކާރުން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް މަތީ ތަޢުލީމުގެ ލޯނު ދަނީ ދޫކުރަމުން: ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރުން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް މަތީ ތަޢުލީމުގެ ލޯނު ދަނީ ދޫކުރަމުން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަރުކާރަށް ތިން އަހަރު ފުރުމުގެ ޖަލްސާގައި، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

17 ނޮވެމްބަރު 2026، 11:24

17 ނޮވެމްބަރު 2026، 11:24

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، މަތީ ތަޢުލީމަށް އެދި ކުރިމަތިލާ ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނުގެ ފުރުސަތު ފަހިކޮށްދެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެއްވެސް ކުއްޖަކު ބާކީނުކޮށް ލޯނު ދޫކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެނެސްދީފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އޯލެވެލް ނިންމުމަށްފަހު އޭލެވެލްއަށް ކިޔަވަންދާ (މައިގްރޭޓްވާ) ކުދިންގެ ނިސްބަތް ވަނީ 9 އިންސައްތަ އިތުރުކުރެވިފައެވެ. މީގެއިތުރުން، ފަންނީ ތަޢުލީމު ފުޅާކުރުމުގެ ގޮތުން ވޮކޭޝަނަލް ސްކޫލެއް ގާއިމުކޮށް، އެ ސްކޫލުގައި މިހާރުވެސް ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އާކިޓެކްޗުރަލް ޑިޒައިނިންގ، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ދާއިރާތަކުން ކިޔަވައިދިނުން ހިމެނެއެވެ.

މަތީ ތަޢުލީމުގެ ދާއިރާއަށް ކުރެވުނު ޚަރަދުތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ސްކޮލަރޝިޕް އަދި ލޯނާއި އެހެނިހެން ކަންކަން ހިމެނޭހެން މި ސަރުކާރު އައި ފަހުން 2.6 ބިލިއަން ރުފިޔާ މަތީ ތަޢުލީމަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުން އަލަށް 11،000 ކުދިންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އޭގެ ތެރެއިން 502 ކުދިން ޑޮކްޓަރުކަން ކިޔަވަނީ، 451 ކުދިން އިންޖިނިއަރިންގ ދާއިރާތަކުން ކިޔަވަނީ، 634 ކުދިން ނަރުހުންގެ ދާއިރާއިން، 672 ކުދިން މުދައްރިސުންނަށް ވާން މަސައްކަތް ކުރަނީ، 377 ކުއްޖަކު އެކިކަހަލަ ތެރަޕީތަކުގެ ދާއިރާއިން، 920 ކުދިން އެކައުންޓިންގ ދާއިރާއިން، މިހެން ގޮސް އެކި ދާއިރާތައް ހިމެނޭ. މިއީ މި ސަރުކާރުން ދިން ފުރުސަތުތައް.

ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މަތީ ތަޢުލީމު ހާސިލުކުރުމަށް ލޯނާއި ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރަށްދާ ބައެއް ކުދިން ކިޔަވާ ނިމިގެން ޤައުމަށް އަނބުރާ ނައުމަކީ ނުހަނު ކަންބޮޑުވާ އަދި ހިތާމަހުރި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދައުލަތުގެ ޚަރަދުގައި ހިލޭ ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރުން ކިޔެވުމަށްފަހު ޤައުމަށް ޚިދުމަތްކުރަން އަނބުރާ ނާންނަނަމަ، ސަރުކާރުން އެ ކުއްޖަކަށް ހޭދަކުރި ފައިސާ އަނބުރާ ދައްކަން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450