Ads by Farudhun

ޚަބަރު

މި ސަރުކާރު އޮތްހާ ހިނދަކު އިސްރާއީލްގެ އެއްވެސް މީހަކަށް ރާއްޖެއިން ފުރުސަތެއް ނޯންނާނެ: ރައީސް

މި ސަރުކާރު އޮތްހާ ހިނދަކު އިސްރާއީލްގެ އެއްވެސް މީހަކަށް ރާއްޖެއިން ފުރުސަތެއް ނޯންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

17 ނޮވެމްބަރު 2026، 10:40

17 ނޮވެމްބަރު 2026، 10:40

ދިވެހިރާއްޖޭގައި މި ސަރުކާރުގެ ވެރިކަން ދެމިއޮތްހާ ހިނދަކު، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް މި ފަސްގަނޑުން އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށާއި އެ ގައުމާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ، މި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ދެއްވި ޕްރެޒެންޓޭޝަނެއްގައެވެ.

ހާރިޖީ ދާއިރާއިން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް އިސްކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ "ފަލަ ރަތް ރޮނގު" ހިމާޔަތްކުރުމާއެކު، އަވަށްޓެރި ގައުމުތަކާއި އިސްލާމީ އުންމަތުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށްޓަކައި ހުރިހާ ގައުމަކާއެކު ވެސް ގުޅުން ބާއްވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެ އުސޫލުން އިސްތިސްނާވާނީ ހަމައެކަނި އިސްރާއީލް ކަމަށެވެ.

"ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތް، ރާއްޖެ އާއި ހުރިހާ ފަރާތްތަކާ އެކުގައި ވެސް ގުޅުން ގާއިމްކުރެވޭނެ އިސްރާއީލް ފިޔަވައި. އިސްރާއީލްއާ އެކުގައި މި ސަރުކާރުން އޮތްހާ ހިނދަކު، އަޅުގަނޑުގެ ސިޔާސަތު ތަންފީޒުވާހާ ހިނދަކު، ކުރިއަށް އޮތް ތަނުގައި ގާނޫނު އިތުރަށް ވަރުގަދަކުރެވިގެން ގޮސް ދުވަހަކު ވެސް ރާއްޖޭގައި އިސްރާއީލްގެ ރައްޔިތަކަށް ފުރުސަތެއް ނުލިބޭނެ. އަދި އިސްރާއީލާއެކު މި ރާއްޖޭގެ ގުޅުމެއް ނޯންނާނެ،"

ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ފަރާތަކުން އަރައިގަތުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ބޭރު ދުނިޔެއާއެކު އޮންނަ ގުޅުންތައް ދަމަހައްޓަވާނީ ގައުމީ މަސްލަހަތު އެންމެ ކުރީ ސަފުގައި ބާއްވައިގެން ކަމަށެވެ.

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ ވޯޓާ ފްރަންޓާއި މެރީނާ މަޝްރޫއާ ގުޅުވައިގެން، އެ ތަނުގައި އިސްރާއީލުގެ މީހުން ވަޒަންވެރިކުރުވައި، އެ މީހުންނަށް ޕްރޮޕަޓީ ވިއްކަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވެސް މި ވާހަކަފުޅުން ވަނީ ސީދާ ރައްދެއް ދެއްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ރައީސް މީގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ، ރަސްމާލެއިން ތަރައްގީކުރާ އެއްވެސް ގެދޮރެއް ނުވަތަ ބިމެއް އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް މިލްކު ނުކުރެވޭނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅުމުގެ އެއްވެސް ފުރުސަތެއް މި ސަރުކާރުން ފަހިކޮށްނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އޮންނަންވާނެ ކަމަށެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450