Ads by Ministry of Arts, Culture and Heritage

ޚަބަރު

އެތައް ހާސް ބައެއްގެ ބައިވެރިވުމާއެކު، އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ފައްޓައިފި

އެތައް ހާސް ބައެއްގެ ބައިވެރިވުމާއެކު، އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ފައްޓައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

14 ނޮވެމްބަރު 2026، 10:15

14 ނޮވެމްބަރު 2026، 10:15

ދިވެހި މުޖުތަމަޢުން ފަނޑުވަމުންދާ އެކަކު އަނެކަކަށް އިޙުތިރާމް ކުރުމުގެ މަތިވެރި އަދި ރިވެތި އާދަ އަލުން ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި، ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ގައުމީ މޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފުތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢު ފައްޓަވައިދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ ޚާއްޞަ މޮނިއުމެންޓެއްގެ މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިދެއްވާފައެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި މި ކުލަގަދަ އިވެންޓުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި، ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަދި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކަކު އަނެކަކަށް ޤަދަރާއި އިޙުތިރާމް އަދާކުރުމުގެ ރިވެތި ސިފަ ދިވެހިންގެ ކިބައިގައި އަށަގެންނެވުމެވެ. ޚާއްޞަކޮށް، ކުރިމަގުގެ ޖީލުތައް ކަމުގައިވާ ޒުވާނުންނާއި ޅަކުދިންގެ ހިތްތަކުގައި މި ރިވެތި އަޚުލާޤީ ސިފަ ބިންވަޅު ނެގުމަކީ މި ކެމްޕޭނުގެ މުހިންމު އެއް އަމާޒެވެ.

މިފަދަ ޤައުމީ ކެމްޕެއިނެއް ފެށުމަށް ސަރުކާރުން އިސްނެންގެވީ ދިވެހިންގެ އަމިއްލަވަންތަކަމާއި އަގުތައް ހިމާޔަތްކޮށް ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުންނެވެ. މިގޮތުން، އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމާ ހަމައަށް ދިވެހިންގެ އަމިއްލަވަންތަކަމުގެ ސިފަތައް ގެއްލެމުން ދިޔަކަން ފާހަގަކުރައްވައި، ރައީސް ވަނީ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން ގިނަގުނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އަދި ރާއްޖޭގެ މުއްސަނދި ތާރީޚު ދިރާސާކޮށް، ސަޤާފީ ކަންކަން ދިރުވުމަށްވެސް ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޙުތިރާމް އަދާކުރުމުގެ މި ޤައުމީ މަޝްރޫޢު އަމަލީ ގޮތުން ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދަޢުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.

މި މަޝްރޫޢާއެކު، މާޒީގައި ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމާއި، ބޮޑެތި މީހުންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމުގެ މަތިވެރި ސަޤާފަތް މުޅި މުޖުތަމަޢުގައި އަލުން އާލާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450