ޚަބަރު
އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މިރޭ ރަސްމީކޮށް އިފްތިތާޙު ކުރަނީ
އިހުތިރާމް ކެމްޕެއިން ފެށުމަށް މީޑިއާ ތަކާއި އެކު ބޭއްވި ބައްދަލުވުން - ފޮޓޯ: ޕީއެސްއެމް
ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރީތި އާދަކާދަ އަލުން ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މިރޭ ރަސްމީކޮށް އިފްތިތާޙު ކުރުމަށް ދަނީ އެންމެ ފަހުގެ ތަރައްގީތައް ވަމުންނެވެ.
މި މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މިރޭ 8:00 ގައި މާފަންނު ޓްރެކް ދަނޑުގައެވެ. ކުލަގަދަ ހަރަކާތްތަކަކާއެކު ކުރިއަށްދާ މި ރަސްމިއްޔާތުގައި، މި މަޝްރޫޢަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ރަސްމީ ލޯގޯ އާއި ލަވަ އިފްތިތާޙު ކުރުމުގެ އިތުރުން، ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށްދާނެއެވެ.
ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، ލޯތްބާއި، އަދި އެއްބަޔަކު އަނެއް ބަޔަކަށް ދޭ ގަދަރާއި އިހުތިރާމް އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤައުމެއް ޙަޤީޤީ މާނައިގައި ކުރިއަރައި ދާނީ ހަމައެކަނި ޢުމްރާނީ ތަރައްޤީއަކުން ނޫނެވެ؛ އޭގެ އިތުރުން ރައްޔިތުންގެ ވިސްނުމާއި، އުޅުމާއި، އަދި އިޖުތިމާޢީ ގުޅުންތަކަށް ވެސް ހެޔޮ ބަދަލުތަކެއް އައިސް، ވަށާޖެހޭ ތަރައްޤީއެއް ޙާޞިލުކުރެވިގެންނެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އައި ސިޔާސީ އޮއިވަރުތަކުގެ ސަބަބުން، ދިވެހިންގެ ކިބައިގައި ޒަމާނުއްސުރެ އޮތް އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ރިވެތި އާދަ ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އެހެންކަމުން މި މަޝްރޫޢުގެ އަމާޒަކީ އެ ނޭދެވޭ ޙާލަތު ބަދަލުކޮށް، ކުރީގެ އެކުވެރި މާޙައުލު އަލުން އަނބުރާ ގެނައުމެވެ. އަދި މި މަޤްޞަދު ޙާޞިލުކުރެވޭނީ ސިޔާސީ ޕާޓީތަކާއި، ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން މުޅި މުޖުތަމަޢުގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކެމްޕެއިނަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި، އެކި ދާއިރާތަކުގެ ފަންނުވެރިން އަދި މީޑިއާތަކުގެ ވެސް އެއްބާރުލުމާއެކު މުޅި މުޖުތަމަޢު ޝާމިލުވާ ގޮތަށް ކުރިއަށްގެންދާނެ ވަރަށް ތަފާތު، ބިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢު ފެށުމުގެ ގޮތުން އިހުތިރާމް އަދާކުރުމުގެ މަޝްރޫޢުގައި ބައިވެރިވާ މީޑިއާތަކާއެކު ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތެއް ވެސް ވަނީ ދާދިފަހުން ބާއްވާފައެވެ.