ވިޔަފާރި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް، ދިވެހި ތާރީހު ނުދެކޭފަދަ ބިޔަ މަޝްރޫއެއް

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް، ދިވެހި ތާރީހު ނުދެކޭފަދަ ބިޔަ މަޝްރޫއެއް

ރަސްމާލެ ޕްރޮޖެކްޓްގައި ސޮއި ކުރުން - ފޮޓޯ: ހައުސިން މިނިސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

21 ސެޕްޓެމްބަރު 2026، 01:30

21 ސެޕްޓެމްބަރު 2026، 01:30

ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުގެ ގޮތުގައި، ރަސްމާލެ ސަރަޙައްދުގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ކޮމާޝަލް ޓާރމްސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޔޫއޭއީގެ އަބޫދާބީގައި ސޮއިކުރެވުނު މި އެއްބަސްވުމަކީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް، ވޯޓަރފްރަންޓް އަދި މެރީނާ މަންޒިލެއްގެ ގޮތުގައި ރަސްމާލެ ތަރައްޤީކުރުމަށްޓަކައި ދެފަރާތުގެ ވިސްނުމާއި މައިގަނޑު ވިޔަފާރީގެ އުސޫލުތައް ކަނޑައެޅުމަށް ވެވުނު އެއްބަސްވުމެކެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ދުރުރާސްތާގެ ބިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤުވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ ޚިދުމަތްތަކާއި، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓަރފްރަންޓް މުނިފޫހިފިލުވުމުގެ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން ވިޔަފާރި މަރުކަޒުތަކާއި، ކެފޭ ރެސްޓޯރެންޓްތަކާއި، ވެލްނަސް ސެންޓަރުތަކުގެ އިތުރުން ތަޢުލީމީ، ޞިއްޙީ އަދި އިޖުތިމާޢީ މުހިންމު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފުރިހަމަ މާޙައުލެއް ބިނާކުރެވިގެންދާނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ދުބާއީ ޑައުންޓައުނާއި ބެލްގްރޭޑް ވޯޓަރފްރަންޓް ފަދަ ދުނިޔޭގެ ފެންވަރުގެ ބޮޑެތި ސިޓީތައް ބިނާކުރުމުގެ ތަޖުރިބާހުރި މުޙައްމަދު އަލާ ޢައްބާރު އިސްކޮށް ހުންނެވި އީގަލް ހިލްސްއަކީ ރަސްމާލެ ތަރައްޤީކުރުމަށް ލިބުނު ވަރަށް ފުރިހަމަ ބައިވެރިއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމްކަން ފާހަގަކުރައްވަމުން، މިއީ ސަރުކާރުން އެއްވެސް ދަރަންޏެއް ނުނަގައި އަދި ޓެކްސް އިނާޔަތްތަކެއް ނުދީ، ދަޢުލަތަށް ސީދާ އާމްދަނީ ލިބޭނެ ގޮތަށް އެކުލަވާލެވިފައިވާ މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ.

އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލާ ޢައްބާރު ވިދާޅުވީ، ރާއްޖެއަކީ ޤުދުރަތީ ރީތިކަމާއި މުޅި ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ޚާއްޞަ ޤައުމެއް ކަމަށާއި، އެ ކުންފުނީގެ އަމާޒަކީ އެ ޤުދުރަތީ ރީތިކަމަށް އިޙްތިރާމްކޮށް، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔޭގެ ފެންވަރުގެ މަޝްރޫޢެއް ބިނާކުރުން ކަމަށެވެ.

މި މަޝްރޫޢު ފުރިހަމަވުމުން އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އެ ސަރަޙައްދަށް ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ދަޢުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މި މަޝްރޫޢުގެ ދައުރުގެ ތެރޭގައި ޖުމްލަ 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާ ކުރެވޭއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖޭގެ އިޤްތިޞާދަށް ވަންނާނެ ފައިސާއެވެ.

މީގެއިތުރުން، މި މަޝްރޫޢުގެ ސަބަބުން ދިވެހި ޢާއިލާތަކަށް އެތައް ހާސް ބޯހިޔާވަހިކަމެއް ފަހިވެ، ސީދާ އަދި ނުސީދާ ގޮތެއްގައި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. މިއީ ފަތުރުވެރިކަމުގެ އިތުރުން ރިއަލް އެސްޓޭޓް ދާއިރާ ވަރުގަދަކޮށް، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ޤައުމަކަށް ހެދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އަބޫދާބީގައި އުފެދުނު އީގަލް ހިލްސްއަކީ ދުނިޔޭގެ 18 ޤައުމެއްގައި މަޝްރޫޢުތައް ހިންގަމުންދާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮންނަ، ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ޕްރައިވެޓް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކުންފުންޏެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450