ޚަބަރު
ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް
ފަތުރުވެރިންތަކެއް/ފޮޓޯ: ޑީސީ
2026 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 23 އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދަކީ 1,405,082 އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1،460،747 ފަތުރުވެރިންކަމުން މިއީ 3.8 އިންސައްތަ ދަށް އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް 256,983 ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު، މިއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 18.6 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އަންނަނީ ރަޝިއާ ފަތުރުވެރިން ކަމަށްވާއިރު، އަހަރުގެ މިހާތަނަށް ވަނީ ޖުމްލަ 202,496 ފަތުރުވެރިން އެގައުމުން ރާއްޖެ އައިސްފައެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް މަޑުކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމްލަ 1،011،977 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 305،846 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު، ހޮޓާތަކުގައި 32،495 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 25،730 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
މި ދަނޑިވަޅުގައި ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމަށްޓަކައި ރާއްޖޭގައި 1،321 ތަނެއް އޮޕަރޭޓްކުރަމުންދާއިރު، މި ތަންތަނުގައި އެކުލެވޭ ޖުމްލަ އެނދުގެ އަދަދަކީ 68،494 އެވެ.