Ads by Farudhun

ޚަބަރު

އެއްވެސް ރައީސަކު ރަސްމީކޮށް ބޭނުންކުރެއްވި މޭޒުކޮޅެއް ނީލަމެއް ނުކިޔާ: ސަރުކާރުގެ ތަރުޖަމާނު

އެއްވެސް ރައީސަކު ރަސްމީކޮށް ބޭނުންކުރެއްވި މޭޒުކޮޅެއް ނީލަމެއް ނުކިޔާ: ސަރުކާރުގެ ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

farudhun logo

ފަރުދުން

23 އޯގަސްޓު 2026، 02:33

23 އޯގަސްޓު 2026، 02:33

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު، މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒު އެ އޮފީހުން ނީލަމަށް ލާފައިވަނީ ކަތުރުފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުންނެވެ. އަދި އެ މޭޒު ނީލަމަށް ލާފައިވަނީ ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް ހަމަޖެހިފައިވާ އުޞޫލުތަކާއި އިޖްރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް ނީލަމަށް ލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާނަމަ، އެ ނިޝާނެއް ނައްޓައިލުމަށް ފަހުގައެވެ. ނަމަވެސް، ޚަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން ބަދަލުތަކެއް ގެނެސް، އެއީ ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދެއްކުމަށް މީޑިއާ މެދުވެރިކޮށް ނުރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރެމުންދާތީ، މީޑިއާތަކުގައި މިފަދަ ޚަބަރުތައް ޝާއިޢުކުރުމުގެ ކުރިން ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ޞައްޙަ މަޢުލޫމާތު ސާފުކުރުމަށް ސަރުކާރުން ވަނީ އެދިވަޑައިގެންފައެވެ. އަދި ރަސްމީގޮތުން ކަށަވަރުކުރުމެއް ނެތި، ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް މިފަދަ މަޢުލޫމާތުތައް ޢާއްމު ނުކުރުމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450