ޚަބަރު
މަސްވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް "އާރުވެރި މެޗިންގް ގްރާންޓް ސްކީމް" ރަސްމީކޮށް އިފްތިތާހުކޮށްފި
މި ސްކީމް އިފްތިތާހުކުރުމުގެ ތެރެއިން. ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ހިންގާ ޓްރާންސްފޯ ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ވާލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯ ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް ސްކީމް" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، އެކަމަށް ޓަކައި 20 އޮގާސްޓް 2026 ގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގެ ތެރެއިން މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.
މި ސްކީމަށް ޖުމްލަ 278 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާއިރު، މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އާރުވެރި މެޗިންގް ގްރާންޓް ސްކީމް"ގެ ދަށުން 7 ދާއިރާއަކަށް އިސްކަންދެވިފައިވާ ކަމަށާއި، ސްކީމާ ގުޅޭ އެންމެހައި މައުލޫމާތުތަކާއި، ސްކީމްގެ ދާއިރާތަކުގެ ތަފުސީލުތަކާއި ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެ ޚާއްސަ ޕޯޓަލެއް މިހާރު ވަނީ ލޯންޗްކުރެވިފައި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައި ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ސްކީމްގެ މައިގަނޑު މަގުސަދުތަކަކީ، މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ހަކަތަ ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި މީގެ އިތުރުން، މެރިކަލްޗަރ ސިނާއަތް ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް މި ސްކީމުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާއަތުގެ ފުދުންތެރިކަން އިތުރުކުރުމެވެ. އެހެންކަމުން އިފްތިތާހުކުރެވުނު މި ސްކީމަކީ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ވާލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯ ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ، ހެކިތަކަށް ބިނާކޮށް، ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކޮށް ވަރުގަދަ ކުރުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ފަށާފައި ވަނީ 2023 ވަނަ އަހަރުއެވެ.