Ads by Farudhun

ޚަބަރު

ބޭރުގެ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމުން ދިވެހި ވިޔަފާރިތަކަށް ކުރިއެރުން

ބޭރުގެ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމުން ދިވެހި ވިޔަފާރިތަކަށް ކުރިއެރުން

މަޖީދީ މަގު. ފޮޓޯ: ފަރުދުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 އޯގަސްޓު 2026، 11:03

18 އޯގަސްޓު 2026، 11:03

 ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އޮފްޝޯ ބުކިންގ ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް ޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން، ދިވެހި ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އޮންލައިންކޮށް ތަކެތި ގަންނައިރު ނުވަތަ ހޮޓަލެއް ބުކްކުރާއިރު،  އޭގެ ޓެކްސް ފައިސާ ޖަމާވަނީ ކޮން ގައުމަކަށް ކަމާމެދު ގިނަ މީހުން ސަމާލުކަމެއް ނުދެއެވެ. އެހެންނަމަވެސް، ޚިދުމަތް ފޯރުކޮށްދޭ ފަރާތް ގާއިމުވެފައިވާ ތަނެއްގެ ސަބަބުން، ދިވެހި ދައުލަތަށް ލިބެންވާ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީ.އެސް.ޓީގެ އާމްދަނީ ގެއްލިގެން ދިއުމުގެ ފުރުސަތު އޮވެއެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލަކީ، ވިޔަފާރިކުރާ ފަރާތް ހުންނަ ތަނަށް ބެލުމުގެ ބަދަލުގައި، މުދާ ނުވަތަ ޚިދުމަތް ބޭނުންކުރާ  ތަނަކުން ޖީ.އެސް.ޓީ ނެގުމެވެ. މީގެ މާނައަކީ، ބޭރުގެ ކުންފުންޏަކުން ވިއްކި ނަމަވެސް، އެ މުދަލެއް ނުވަތަ ޚިދުމަތެއްގެ ބޭނުން ހިފަނީ ރާއްޖޭގައި ކަމަށްވާނަމަ، އެއިން ރާއްޖޭގެ ޖީ.އެސް.ޓީ ނަގަންޖެހޭނެ ކަމެވެ. ހަމައެފަދައިން، ރާއްޖޭގެ ކުންފުންޏަކުން ބޭރަށް އެކްސްޕޯޓްކުރާ ތަކެތިން ރާއްޖޭގެ ޖީ.އެސް.ޓީއެއް ނުނަގާނެއެވެ. އެއީ، ޓެކްސް ނެގުން ބިނާވަނީ ކަސްޓަމަރު ހުރި ތަނަކަށާއި މުދާ ގެންދާ މަންޒިލަށް ކަމަށް ވާތީއެވެ.

ބޭރު ގައުމުތަކުގެ ވިޔަފާރިތަކުން ދިވެހިރާއްޖެއަށް މުދާ ފޮނުވާއިރު، އެ ގައުމުގައި ބޭނުންކުރާނެ އެއްޗަކަށް ނުވާތީ، އެ ތަކެތިން އެ ގައުމުތަކުގެ ޖީ.އެސް.ޓީއެއް އާންމު ގޮތެއްގައި ނުނަގައެވެ. މި މުދަލުން ރާއްޖޭގެ ޖީ.އެސް.ޓީ ނުނަގާ ދޫކޮށްލެވިއްޖެނަމަ، އެ މުދަލަކުން އެއްވެސް ގައުމެއްގެ ދައުލަތަކަށް ޓެކްސްގެ ފައިދާއެއް ނުވާނެއެވެ.

ފޯނު ކަވަރެއްގެ މިސާލަށް ވިސްނާލާ ނަމަ، މަޖީދީމަގުގައި ހުންނަ ފިހާރައަކުން 162 ރުފިޔާއަށް ލިބެން ހުންނަ ފޯނު ކަވަރެއްގެ އަގުގެ ތެރޭގައި 12 ރުފިޔާގެ ޖީ.އެސް.ޓީ ހިމެނެއެވެ.  ނަމަވެސް، ހަމަ އެ ވައްތަރުގެ ކަވަރެއް ޓީމޫ ނުވަތަ އަލީއެކްސްޕްރެސް ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ގަންނައިރު ޖީ.އެސް.ޓީ ނުނަގާނަމަ، ބޭރުގެ ސައިޓްތަކުން ލިބޭ އަގު ރާއްޖޭގެ ބާޒާރަށްވުރެ ހެޔޮވެ، ރާއްޖޭގެ ވިޔަފާރިވެރިންނަށް މާކެޓުގައި ވާދަކުރަން ދަތިވެއެވެ. މުދާ އެއްގޮތްވެފައި، ޚިދުމަތް ހޯދާ މީހާ ހުރީ އެއް ތަނެއްގައި ނަމަވެސް، ޓެކްސް ނެގޭ ގޮތް ތަފާތެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލް ޓެކްސް ނެގުމުގެ ނިޒާމު އެކުލަވާލާފައިވަނީ މިފަދަ ބޭއިންސާފު ފަރަގުތައް ނައްތާލުމުގެ މަގުސަދުގައެވެ.

ގައުމުތަކުން މި އުސޫލު ތަންފީޒުކުރާ ގޮތް

ހުރިހާ މުއާމަލާތަކުން ޓެކްސް ނެގުމުގައި އެއް ހަމައެއް ހިފެހެއްޓުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ. އާދައިގެ މުދަލެއްނަމަ، އެ ތަކެތި ރާއްޖެއަށް އެތެރެވާ މަރުހަލާގައި ޓެކްސް ނެގުމުގެ ފުރުސަތު އޮވެއެވެ. އަދި ދިވެހި ކަސްޓަމަރުންނަށް ގަވާއިދުން ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ ވިޔަފާރިތައް ރާއްޖޭގެ ޓެކްސް ނިޒާމުގައި ރަޖިސްޓްރީކުރުވައި، ޖީ.އެސް.ޓީ ދެއްކުމަށް މަޖުބޫރު ކުރެވިދާނެއެވެ. ބައެއް ވިޔަފާރި މުއާމަލާތްތަކުގައި 'ރިވާސް ޗާޖް'  އުސޫލު ބޭނުންކޮށްގެން، ޚިދުމަތް ލިބިގަންނަ ފަރާތުން ޓެކްސް ދައްކަން ޒިންމާދާރު ކުރެވިދާނެއެވެ.

ކަންކަން ތަންފީޒުކުރާނެ އުސޫލު ކަނޑައެޅުމުގައި ބަލާނީ ފޯރުކޮށްދޭ ޚިދުމަތުގެ  ބާވަތަށާއި، އެ ނިޒާމު ހިންގުމުގައި އެންމެ ލުއިފަސޭހަ ގޮތްތަކަށެވެ.  މައިގަނޑު މަގުސަދަކީ،  އެއް މާކެޓެއްގެ ތެރޭގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކާއި ރާއްޖޭގެ ވިޔަފާރިތަކަށް، ޓެކްސްގެ ނިޒާމުގެ ތެރެއިން ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.

ދިވެހިރާއްޖޭގެ މަޖިލީހަށް މިހާރު  ހުށަހަޅާފައިވާ އިސްލާހުގެ މައިގަނޑު  ބޭނުމަކީ ބޭރުގެ ވިޔަފާރިތަކުން ވިއްކާ، ރާއްޖޭގ ފަތުރުވެރިކަމުގެ އުފެއްދުންތަކުން ޓެކްސް ނެގުމެވެ. އޮންލައިން ވިޔަފާރިތަކާއި  ގުޅޭގޮތުން ގެނެސްދެވިފައިވާ މިސާލަކީ، ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ޓެކްސް ނަގާ ގޮތް އިތުރަށް ސާފުކޮށްދިނުމަށް ހިމަނާފައިވާ  މިސާލެކެވެ. އެހެންނަމަވެސް، 2026 އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ހަމަޖެހިފައިވަނީ، ބޭރުގެ ކުންފުނިތަކުން ވިއްކާ ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގުމުގެ އުސޫލެވެ.

ހަމަހަމަކަން މުހިންމުވާ ސަބަބު

ޖީ.އެސް.ޓީ ނެގުމުގެ މަގްސަދަކީ، މުދާ ބޭނުންކުރާ މިންވަރުން ޓެކްސް ނެގުން ކަމަށްވާތީ، ރާއްޖޭގެ ވިޔަފާރިތަކުން ޖީ.އެސް.ޓީ ނަގަންޖެހިފައި، ބޭރުގެ ވާދަވެރި ކުންފުނިތަކަށް ޓެކްސްއާ ނުލައި ވިއްކޭނަމަ، އެ ނިޒާމުގައި ހަމަހަމަކަން ގެއްލިގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ގާނޫނަށް ތަބާވާ ރާއްޖޭގެ ވިޔަފާރިތަކުގެ އަގުތައް މާ ބޮޑުކަމަށް ސިފަވެގެންދެއެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލު ފުރިހަމައަށް ތަންފީޒުކުރަން ފެށުމުން މި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެއެވެ. އަދި ހަމައެކަނި ރާއްޖޭގެ ވިޔަފާރިތަކަށް ބަރޯސާވުމުގެ ބަދަލުގައި، މީގެ ކުރިން ޓެކްސް ނުނެގި ހުރި ދާއިރާތައް ޓެކްސްގެ ނިޒާމުގެ ތެރެއަށް ވެއްދި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. 

އެހެންކަމުން، މި ބަދަލަކީ ހަމަހަމަކަމުގެ އުސޫލެއް ގާއިމުކުރުމަށް ޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. އެއީ މުދާ ވިއްކާ ފަރާތް ކޮންމެ ތަނެއްގައި ހުރިނަމަވެސް، އެއްފަދަ މުދަލާއި ޚިދުމަތުން އެއް އުސޫލަކުން ޖީ.އެސް.ޓީ ނެގިގެންދާނެތީއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450