ޚަބަރު
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓް އޮފީސް---
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މީހާ އަތުލައިގަނެފައިވަނީ 15 އޮގަސްޓް 2026 ވަނަ ދުވަހުގައި ކަމަށެވެ.
އަދި އެ ތަކެތި އަތުލައިގަނެފައި ވަނީ، ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބެލުމުގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3252 ގްރާމް (3.2 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
15 އޮގަސްޓް 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) August 17, 2026
🔹ބާވަތް: ކެނަބިސް
🔹 ބަރުދަން: 3252 ގްރާމް pic.twitter.com/XpwgC9telk
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ކަސްޓަމްސްއިން ހާއްސަ ސަމާލުކަމެއްދީ، މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
އެގޮތުން، ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދަނީ ހާއްސަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.