Ads by Farudhun

ޚަބަރު

އޮގަސްޓު މަހުގެ ފުރަތަމަ 8 ދުވަސްތެރޭގައި ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް

އޮގަސްޓު މަހުގެ ފުރަތަމަ 8 ދުވަސްތެރޭގައި ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް

ފަތުރުވެރިން ރާއްޖޭގައި. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޯގަސްޓު 2026، 10:09

10 އޯގަސްޓު 2026، 10:09

މި ހިނގާ އޮގަސްޓު މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި 50،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކުރި މައުލޫމާތަށް ބަލާއިރު، މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 55،834 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އައި 52،275 ފަތުރުވެރިންނާ އަޅާބަލާއިރު 5.6 އިންސައްތައިގެ އިތުރުވުމެކެވެ. 

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މާރިޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު، މިހާރު އަދަދުތައް އަނެއްކާވެސް މައްޗަށް ދާން ވަނީ ފަށާފައެވެ.

މިދިޔަ މަސްތަކަށް ބަލާއިރު، މޭ މަހު 1.7 އިންސައްތައިގެ ކުރިއެރުމެއް ލިބުނު ނަމަވެސް، ޖޫން މަހު 12 އިންސައްތަ އަދި ޖުލައި މަހު 1.9 އިންސައްތަ ވަނީ ދަށްވެފައެވެ. ނަމަވެސް، އޮގަސްޓު މަސް ފެށިފައި މި ވަނީ އުއްމީދީ ބަދަލުތަކަކާއެކުގައެވެ. މި މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 6،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނަމުންދާއިރު، އެންމެ ގިނަ މީހުން އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 7،879 ފަތުރުވެރިން ރާއްޖެއަށް އެތެރެވިއެވެ.

2026 ވަނަ އަހަރުގެ މިހާތަނަށް ޖުމްލަ 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.1 އިންސައްތަ މަދު އަދަދެކެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެ ގައުމުން ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ އައިސްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި 3 ޤައުމު:

  1. ޗައިނާ: 232,148 ފަތުރުވެރިން
  2. ރަޝިއާ: 188,543 ފަތުރުވެރިން
  3. އިނގިރޭސިވިލާތް: 101,391 ފަތުރުވެރިން

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ތިބީ ރިސޯޓުތަކުގައެވެ. އެއީ 939,559 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 287,371 މީހުން، ހޮޓާތަކުގައި 30,395 މީހުން އަދި ސަފާރީތަކުގައި 24,235 މީހުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450