ދުނިޔެ
ރަފާހް އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށް އިސްރައީލުން ހުއްދަދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި
ޣައްޒާގެ ހަނގުރާމައިގެ ތެރެއިން. ފޮޓޯ: އިންޓަނެޓް
އިސްރާއީލުގެ ނިރުބަވެރި ސިފައިން ދިން ހަމަލާތަކުގައި ސުންނާތިވެފައިވާ ޣައްޒާގެ ރަފާހް އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށް ހުއްދަދީފައިވާ ކަމަށް އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާގެ ރޭޑިއޯއިން ރިޕޯޓްކުރާ ގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ ޣައްޒާގެ ދެކުނުގައި އާރާސްތުކުރުމުގެ މަސައްކަތް ފެށުމުގެ ހުއްދަ ދީފައެވެ.
މި މަސައްކަތް ކުރިއަށްދަނީ ޔަހޫދީންގެ ދިފާއީ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ރަފާހްގެ އިރުމަތީ ސަރަހައްދެއްގައެވެ. އަދި މަސައްކަތުގެ ދަށުން، މީހުން ދިރިއުޅޭނެ ބޯހިޔާވަހިކަން ގާއިމުކުރުމަށް ބޭނުންވާ އިމާރާތްތައް ބިނާކުރުމަށް ވަނީ ނިންމާފައެވެ.
ރިޕޯޓުގައިވާ ގޮތުން، ނަތަންޔާހޫ އާއި ކާޓްޒް މިކަމަށް މީގެ ދެ ހަފުތާ ކުރިން ހުއްދަ ދީފައިވާ ނަމަވެސް، މިކަން އިއުލާނުކޮށްފައެއް ނުވެއެވެ. މިއީ، ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވުމަށް ދުނިޔޭގެ ގައުމުތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ޔަހޫދީން ނިންމި ނިންމުމެކެވެ.
ނަމަވެސް، ބޮޑުވަޒީރުގެ އޮފީހުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އެ އޮފީހުން ޔޫއޭއީގެ އެހީގައި، ހަމާސް ޖަމާއަތުގެ ބާރު ނައްތާލުމަށް ހިންގާ މަޝްރޫއެއްގެ ދަށުން މި މަސައްކަތް ފަށާފައިވަނީ މީގެ މަސްތަކެއް ކުރިން ކަމަށް ވަނީ ބުނެފައެވެ.
އިސްރާއީލު ސިފައިން އެ ސަރަހައްދުގައި ހުރި ބިންގަރާސްތައް ފަދަ ތަންތަން ނައްތާލާފައިވާ ކަމަށާއި، ޣައްޒާގެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ކަންކަން ބަލަހައްޓާނީ ސީދާ އަސްކަރިއްޔާއިން ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ޣައްޒާގައި އިންސާނީ އެހީގެ ޚާއްސަ ޒޯނެއް ގާއިމްކުރުމަށާއި ބައިނަލްއަގުވާމީ ފައުޖުތަކަށް ފުރުސަތު ދިނުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ހުއްދަ ދީފައިވާ ކަމަށް މިދިޔަ މަހު ޖެރޫސަލަމް ޕޯސްޓުން ވަނީ ރިޕޯޓްކޮށްފައެވެ.