ދުނިޔެ
ޣައްޒާގައި ޝަހީދުވި އެއް ޢާއިލާއެއްގެ 112 މީހުން އެއްފަހަރާ ވަޅުލައިފި
ޝަހީދުވި އެއް ޢާއިލާއެއްގެ 112 މީހުންގެ ޖަނާޒާ
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުނައްތާލަން ޔަހޫދީން ހިންގަމުންދާ ނިރުބަވެރި ޤަތުލުޢާންމުގެ ތެރެއިން ޝަހީދުކޮށްލި އެއް ޢާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ޖަނާޒާ ބާއްވައި، އެއްފަހަރާ ވަޅުލައިފިއެވެ. މިއީ ޔަހޫދީންގެ މި ޤަތުލުޢާންމު ފެށި ފަހުން ޣައްޒާގައި ބޭއްވި އެންމެ ބޮޑު ޖަނާޒާއެވެ.
އަލް-ޙަސައިނާ ޢާއިލާގެ މި މީހުންގެ ހަށިތައް ފެނިފައި ވަނީ ޣައްޒާގެ ޞަބްރާ އަވަށުގައި ޔަހޫދީން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ގައު ކުނޑިއާއި ކޮންކުރީޓުތަކުގެ ދަށުންނެވެ. ބަދަވީ ނަސަބުގެ އަބޫ ޝާރިޔާގެ ނަމުން މަޝްހޫރު މި ޢާއިލާގެ ޖުމުލަ 308 މީހުން ޔަހޫދީން ވަނީ ޝަހީދު ކޮށްލާފައެވެ. މި ޢާއިލާ ދިރިއުޅެމުންދިޔަ ތިން އިމާރާތަކަށް ޔަހޫދީ ފައުޖުން ނިރުބަވެރި ހަމަލާތަކެއް ދީފައި ވަނީ 2023 ނޮވެންބަރު 22 ވަނަ ދުވަހުއެވެ.
ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، 40 މީހުންގެ ޓީމަކުން 17 ދުވަހު ކުރި ބުރަ މަސައްކަތުން އެ ތިން އިމާރާތުގެ ދަށުން 153 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މީގެ ތެރެއިން މިއަދު ވަޅުލާފައިވަނީ 112 މީހުންގެ ހަށިގަނޑެވެ. އެ ޢާއިލާގެ ދިރިހުރި މެންބަރެއް ކަމުގައިވާ ތަޔިސީރު އަލް-ޙަސައިނާ ބުނީ، މިއީ އޭނާގެ ޙަޔާތުގައި ކުރިމަތިވި އެންމެ ހިތާވެރި ދުވަސް ކަމުގައި ވިޔަސް، އެ އެންމެންނަކީ ޝަހީދުން ކަމުގައި ވުމީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މި ހަމަލާތަކުން ކުދި އަނިޔާތަކަކާއެކު ތަޔިސީރު ސަލާމަތްވީ ނަމަވެސް، އޭނާގެ ޢާއިލާގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. މިޞްރުގެ ޤާހިރާގައި ހުރި އެ ޢާއިލާގެ މެންބަރެއް ކަމަށްވާ 65 އަހަރުގެ ޢުމަރު އަލް-ޙަސައިނާ ވަނީ އޭނާގެ އަންހެނުންނާއި، ހަތަރު ފިރިހެން ދަރިންނާއި، ހަތަރު ކާފަދަރިންގެ ޖަނާޒާގެ މަންޒަރުތައް ޓީވީން ބަލައި ކަރުނަ އަޅާފައެވެ.
ޣައްޒާގެ މަދަނީ ސަލާމަތާބެހޭ އިދާރާގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވީ، ޝަހީދުންގެ ހަށިތައް ދެނެގަނެފައި ވަނީ އެ މީހުން އަޅައިގެން ތިބި އަންނައުނާއި، ނަން ޖަހާފައިވާ ގަހަނާތަކުގެ އެހީގައި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ބިންގަނޑު ކޮނުމަށް ބޭނުންކުރާ އެކްސްކެވޭޓަރު ފަދަ ވަސީލަތްތައް ލިބިއްޖެ ނަމަ، އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެންމެންގެ ހަށިތައް ތިން މަސް ތެރޭގައި ހޯދޭނެ ކަމަށެވެ. ނަމަވެސް، ޞިހްޔޫނީން ދަނީ އެ ފަދަ މެޝިނަރީތައް ޣައްޒާއަށް އެތެރެކުރުމަށް ހުރަސް އަޅަމުންނެވެ.
ޔަހޫދީންގެ މި ލާއިންސާނީ ޤަތުލުޢާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، އިތުރު 8,000 އަށްވުރެ ގިނަ މީހުން އަދިވެސް ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. ޣައްޒާގެ ބިމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދު މިހާރު އޮތީ ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައެވެ.