ދުނިޔެ
ޓްރަމްޕްގެ ގޮލްފް ކޯހަށް ހަތިޔާރާއެކު މީހަކު ވަދެއްޖެ
ޓްރަމްޕް ގެ ގޮލްފް ކޯސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި އޮންނަ އެމަނިކުފާނުގެ ގޮލްފް ކޯހަށް ޒިޔާރަތްކުރެއްވުމުގެ ދެ ދުވަސް ކުރިން، ހަތިޔާރާއެކު އެ ތަނަށް ވަތް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކެލިފޯނިއާގެ ޑައުނީއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ޖަނީން ޖޯން ޓައެލޭ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުފަހު ރާންޗޯ ޕަލޯސް ވާޑޭސްގައި ހުންނަ ގޮލްފް ކޯހުގެ ތެރެއިންނެވެ. ފެޑަރަލް އެޖެންޓުންނަށް އޭނާ ފާހަގަކުރެވުނީ ގޮލްފް ކޯހުގެ އެކި ސަރަހައްދުތަކުގައި ހިނގަމުން، ސަލާމަތީ ކަންކަން ރާވާފައިވާ ގޮތުގެ ފޮޓޯއާއި ވީޑިއޯ ނަގަމުން ދަނިކޮށެވެ.
ޓްރަމްޕް އެ ގޮލްފް ކްލަބަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ހަވީރު ހެލިކޮޕްޓަރެއްގައެވެ. އެއީ ރިޕަބްލިކަން ނޭޝަނަލް ކޮމިޓީން ބޭއްވި ފަންޑްރެއިޒިންގ ރޭގަނޑުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޝެރިފް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ ޖީބުން 16 ވަޒަން ހިމެނޭ މެގަޒިނެއް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި އުޅަނދު ބަލައި ފާސްކުރުމުން، ވަޒަން އަޅާފައިވާ ފިސްތޯލައަކާއި އިތުރު މެގަޒިނެއް ފެނިފައިވެއެވެ.
އެފް.ބީ.އައިގެ ކައުންޓަރ ޓެރަރިޒަމް ޔުނިޓުން އޭނާގެ ގެ ބަލައި ފާސްކުރިއިރު، އެސޯލްޓް ރައިފަލަކާއި، ފިސްތޯލައެއްގެ އިތުރުން ވަޒަން ނާރާ ވެސްޓް (ބުލެޓްޕްރޫފް ވެސްޓް)، ގިނަ އަދަދެއްގެ ވަޒަނާއި، ދެ ރޭޑިއޯ ސެޓް ފެނިފައިވެއެވެ. މީގެ އިތުރުން، ނުރައްކާތެރި ވާހަކަތަކެއް ލިޔެފައިވާ ނޯޓު ފޮތްތަކެއްވެސް އެ ގޭތެރެއިން ވަނީ ފެނިފައެވެ.
މި ހާދިސާއަކީ ފަހަކަށް އައިސް ޓްރަމްޕަށް އަމާޒުކޮށް ދެވުނު މިފަދަ ހަމަލާތަކުގެ ތެރެއިން ހާދިސާއެކެވެ. މިއަހަރުގެ ޖުލައި މަހު ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގައި ޓްރަމްޕްގެ ކަނފަތްޕުޅަށް ވަޒަނެއް އަރައި ޒަޚަމްވެފައިވާއިރު، އޭގެ ފަހުން ވެސްޓް ޕާމް ބީޗްގެ ގޮލްފް ކޯހެއްގައިވެސް ހަތިޔާރާއެކު ހުރި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ޓްރަމްޕް ކެލިފޯނިއާއަށް ކުރެއްވި މި ދަތުރުފުޅަކީ ކުރިއަށް އޮތް މިޑް-ޓާމް އިންތިޚާބަށް ފަންޑު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޓްރަމްޕް ވަޑައިގަތުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ، ލޮސް އެންޖެލިސްގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި ގެއްލުންލިބުނު އާއިލާތަކަށް އެހީވުމަށް ފެޑަރަލް ފަންޑު ދޫކުރުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ.