ޚަބަރު
ރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި ފުރަތަމަ ރެސިޑެންޓް ސަފީރު ފަތްކޮޅު އަރުވައިފި
ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރަށް އަރުއްވަނީ. ފޮޓޯ: ޚާރިޖީ ވުޒާރާ
ރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި ފުރަތަމަ ރެސިޑެންޓް ސަފީރު، އާދަމް ޝަރީފް އުމަރު، ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީއަށް އަރުވައިފިއެވެ.
މި ކަމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައެވެ.
މި ރަސްމިއްޔާތުގައި، ސަފީރު އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙްސީން ބައިވެރިވެވަޑައިގަތެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ގަތަރުގެ އަމީރަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވާ، ތަރައްގީގެ މަޝްރޫއުތަކަށް ގަތަރުން ވެދެއްދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަންދެއްވާފައިވެއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ސަފީރު އާދަމް ޝަރީފް އުމަރު މަޝްވަރާކުރެއްވިއެވެ.
ގަތަރުގެ އަމީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު އާދަމް ޝަރީފު ޢުމަރަށް މަރުހަބާ ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖޭއިން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރާއްވާފައިވެއެވެ.