Ads by Farudhun

ޚަބަރު

އޮސްޓްރޭލިޔާއިން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފި

އޮސްޓްރޭލިޔާއިން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ލައިވް އިވެންޓް އެސްއެސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2026، 09:55

27 ޖުލައި 2026، 09:55

އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރެއްވި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރަސްމީކޮށް ކޮމިޝަންކޮށް، ޚިދުމަތަށް ނެރެފިއެވެ.

އެމްޕީއެލް ހުޅުމާލެ ޕޯޓްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަނަވަރު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ޑޭވިޑް ޖެސަޕް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަނަވަރު ކޮމިޝަން ކުރުމަށްފަހު، ޚިދުމަތް ފެށުމުގެ ރަމްޒެއްގެ ގޮތުން އުޅަނދުގެ ކުރީގައި ދިވެހި ޤައުމީ ދިދަ އަދި ފަހަތުގައި އެމްއެންޑީއެފްގެ ދިދަ ވަނީ ނަގާފައެވެ. މީގެ އިތުރުން، އުޅަނދުގެ މެއިން ހެލްޔާޑްގައި ކޮމިޝަނިން ޕެނަންޓް ވަނީ ބަހައްޓާފައެވެ.

މި މަނަވަރަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އޮސްޓްރޭލިޔާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އުޅަނދެކެވެ. އޮސްޓްރޭލިޔާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މި އައު އުޅަނދު ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިޔާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތައް ފުރިހަމަކޮށްފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި އުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.

"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ޚިދުމަތަށް ނުކުތުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ އިތުރުން، ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދާ ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޤައުމީ ދިފާޢީ ބާރުން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450