ކޮލަމް
ކަށީގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ހަމައެކަނި ކިރު ތަށްޓަކުން ނިންމާލެވޭނެ ކަމެއް ނޫން
އިންސާނުންގެ ކަށީގެ ދުޅަހެޔޮކަން
އަޅުގަނޑުމެންގެ ހަށިގަނޑުގެ މައި ތަނބަކީ ކަށިތަކެވެ. ހަށިގަނޑަށް ބޭނުންވާ ބައްޓަމާއި، ހަރަކާތްތެރިވުމުގެ ބާރު ލިއްބައިދެނީ މި ވަރުގަދަ އޮނިގަނޑުންނެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ކަށިތަކަކީ ހަމައެކަނި މުސްކުޅިވުމުން ބަލިކަށިވާ އެއްޗެކެވެ. ނަމަވެސް، ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި ކަށީގެ ވަރުގަދަކަން ނުވަތަ 'ބޯން ޑެންސިޓީ' އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ މާ ކުރީބައިގައި ދަށްވާން ފަށައެވެ. އެހެންކަމުން، މުސްކުޅިވާ ދުވަހު ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ޒުވާން އުމުރުގައި ކެއުންބުއިމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ކަށީގެ ދުޅަހެޔޮކަމުގެ ބިންގާ
ކަށިތަކަކީ ދިރިހުރި ޓިޝޫތަކެކެވެ. އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސައުތުހެމްޕްޓަންގެ ޕްރޮފެސަރ ކޭޓް ވާރޑް ހާމަކުރައްވާ ގޮތުގައި، މުސްކުޅި އުމުރުގައި އަޅުގަނޑުމެންގެ ކަށިތަކުގެ ވަރުގަދަކަން ބިނާވެފައި އޮންނަނީ ކުޑައިރުގައާއި ޒުވާން އުމުރުގައި ބިނާކުރާ 'ކަށީގެ ރިޒާވް' އެއްގެ މައްޗަށެވެ. އުމުރުގެ ކުރީކޮޅު ކަށިތައް ވަރުގަދަވެފައި ބޯވުމަށްފަހު، ވަކި އުމުރަކުން ފެށިގެން މި ބޯމިން ދަށްވާން ފަށައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 500 މިލިއަން މީހުންނަށް 'އޮސްޓިއޯޕޮރޯސިސް' ނުވަތަ ކަށި ފީވުމުގެ ބަލި ޖެހިފައިވެއެވެ.
މިއީ އެއްވެސް އަލާމާތެއް ނުފެނި ހުރެފައި، ކުއްލިއަކަށް ކަށި ބިނދުމުގެ ނުރައްކާ ކުރިމަތިވާ ބައްޔެކެވެ. ހާއްސަކޮށް އުމުރުން 55 އަހަރުން މަތީގެ މީހުންގެ އުނަގަނޑު ކަށި ބިނދުމަކީ ދުނިޔޭގައި ވަރަށް އާންމު ކަމެކެވެ. މީގެ ނަތީޖާ ވަރަށް ނުރައްކާތެރިވެދާނެއެވެ. އުނަގަނޑު ކަށި ބިނދުމުގެ ސަބަބުން ހަރަކާތްތެރިވެ ނޫޅެވުމުގެ ނަތީޖާއެއްގެ ގޮތުން ނިއުމޯނިއާ ނުވަތަ ހާޓް އެޓޭކް ފަދަ ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވެ، ބައެއް ހާލަތްތަކުގައި ފުރާނައަށް ވެސް ނުރައްކާވެއެވެ. އަންހެނުން އިއްދައިން ކެނޑޭ ދުވަސްވަރު ހޯރމޯންތަކަށް އަންނަ ބަދަލާއެކު ކަށީގެ ވަރުގަދަކަން ވަރަށް އަވަހަށް ދަށްވެގެންދެއެވެ. ނަމަވެސް، ފިރިހެނުންގެ އުމުރު ދިގުވުމާ ގުޅިގެން މިހާރު ފިރިހެނުންނަށް ވެސް މި މައްސަލަ ކުރިމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.
ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ކެއުމުގައި ހިމަނަންވީ މުހިންމު ބާވަތްތަކުގެ ތަފްސީލަކީ:
1. ކިރާއި ކިރުގެ ބާވަތްތައް:
ކެލްސިއަމް، ވިޓަމިން ޑީ އަދި ޕްރޮޓީންއަކީ ކަށީގެ ދުޅަހެޔޮކަމުގެ މައިގަނޑު އަސާސެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ކިރުގެ ބާވަތްތައް ގިނައިން ބޭނުންކުރާ އުމުރުން ދުވަސްވީ މީހުން، މި ތަކެތި ބޭނުންނުކުރާ މީހުންނާ އަޅާބަލާއިރު ކަށީގެ މައްސަލަ 46 އިންސައްތަ ކުޑައެވެ. އާންމު މީހަކަށް ދުވާލަކު 700-1000 މިލިގްރާމްގެ ކެލްސިއަމް ބޭނުންވާއިރު، އަންހެނުންނަށް މިއަށްވުރެ ގިނައިން ބޭނުންވެއެވެ.ކެލްސިއަމް، ވިޓަމިން ޑީ އަދި ޕްރޮޓީންއަކީ ކަށީގެ އެންމެ މުހިންމު ކާނާއެވެ. ކިރު، ޗީޒް އަދި ޔޯގަޓަކީ މި މާއްދާތައް ގިނައިން އެކުލެވޭ ބާވަތްތަކެވެ.
2. ސޯޔާގެ ބާވަތްތައް:
ކިރުގެ ބާވަތްތައް ބޭނުން ނުކުރާ ނުވަތަ ވީގަން މީހުންނަށް ސޯޔާއަކީ ވަރަށް ރަނގަޅު އޮޕްޝަނެކެވެ. ޓޯފޫ ފަދަ ތަކެތީގައި ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވެއެވެ. ސޯޔާގައި ހިމެނޭ 'އައިސޯފްލޭވޯން' އަކީ އަންހެނުންގެ ހަށިގަނޑުގައި ހުންނަ އީސްޓްރަޖަން ހޯރމޯންއާ އެއްގޮތް ސިފަތަކެއް ހުންނަ މާއްދާއެކެވެ. މީގެ ސަބަބުން ކަށީގެ ބޯމިން ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. 'ޓެމްޕޭ' ފަދަ ފާމެންޓްކޮށްފައި ހުންނަ ސޯޔާގެ ބާވަތްތަކުން ކެލްސިއަމް ހަށިގަނޑަށް ދަމައިގަންނަ މިންވަރު އަދި މާ އިތުރެވެ.
3. ޗިއާ ސީޑްސް:
ޗިއާ ސީޑްސްއަކީ ކެލްސިއަމްގެ އިތުރުން މެގްނީޒިއަމް އަދި ފޮސްފަރަސް ފަދަ ކައްޓަށް ފައިދާހުރި މައުދަންތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. މީގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑްސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދުޅަ ކުޑަކޮށްދެއެވެ. މިއީ މުހިންމު ކަމެކެވެ. ސަބަބަކީ ދިގު މުއްދަތަކަށް ހަށިގަނޑު ދުޅަވެފައި ހުރުމަކީ ކަށިތައް އުމުރަށްވުރެން އަވަހަށް ބަލިކަށިވާން މެދުވެރިވާ ކަމަކަށްވާތީއެވެ.
4. ހިއްކި މޭވާ (ޕްރޫންސް އަދި ފިގްސް):
ހިއްކި މޭވާއަކީ ކަށީގެ ދުޅަހެޔޮކަމަށް ހީނުކުރާހާ ބޮޑު އެހީއެއްވާ އެއްޗެކެވެ. ދެ ވައްތީނިން އެކަނިވެސް 100 މިލިގްރާމް ކެލްސިއަމް ލިބެއެވެ. މީގެ އިތުރުން މި ތަކެތީގައި ހުންނަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ކަށިތައް ހަލާކުވުން ލަސްކޮށްދެއެވެ. ދުވާލަކު 50 ގްރާމް ޕްރޫންސް ކެއުމަކީ ކަށީގެ ބޯމިން ދަށްވިޔަނުދީ ހިފެހެއްޓުމަށް އެހީވާ ކަމެއްކަން ދިރާސާތަކުން ސާބިތުވެއެވެ.
5. ދަޅު މަސް:
ސާޑިންސް އާއި ސެލްމަން ފަދަ މަސް ދަޅުގައި ބަންދުކޮށްފައިހުންނަނީ ކަށިތަކާއެކު ކަމަށްވާތީ، އޭގެއިން ގިނަ އަދަދަކަށް ކެލްސިއަމް ލިބެއެވެ. މަހަކީ ޕްރޮޓީންގެ މުހިންމު ވަސީލަތެކެވެ. ކަށިތަކާއި މަސްތަކަކީ އެކުގައި މަސައްކަތްކުރާ އެއް ނިޒާމެކެވެ. މަސްތައް ވަރުގަދަ ނަމަ ވެއްޓުމުގެ ފުރުސަތު ކުޑަވެ، ކަށި ބިނދުމުގެ ނުރައްކާ ކުޑަވެގެންދެއެވެ. އަދި ތެޔޮ މަހުން ލިބޭ ވިޓަމިން ޑީގެ ސަބަބުން ކެލްސިއަމް ހަށިގަނޑަށް ދަމައިގަތުމަށް މަގުފަހިވެއެވެ.
ސަޕްލިމެންޓް ބޭނުންކުރުން:
ސަޕްލިމެންޓް ބޭނުންކުރުމާ މެދު ސައިންސްވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އޮވެއެވެ. އެންމެ ރަނގަޅު ގޮތަކީ ކާނާގެ ތެރެއިން މި މާއްދާތައް ހޯދުމެވެ. ނަމަވެސް އިރުގެ އަލި މަދުން ލިބޭ މީހުންނާއި، ވީގަން ކެއުން ބޭނުންކުރާ މީހުން ސަޕްލިމެންޓް ބޭނުންކުރުން މުހިންމެވެ. ސަމާލުކަން ދޭންޖެހޭ ކަމަކީ މާ ގިނައިން ވިޓަމިން ޑީ ބޭނުންކުރުމަކީ އޭގެ ނޭދެވޭ އަސަރުކޮށް، ވެއްޓުމުގެ ފުރުސަތު އިތުރުވެދާނެ ކަމެއް ކަމެވެ.
ކަށީގެ ދުޅަހެޔޮކަމަކީ ހަމައެކަނި ކިރު ބުއިމަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. މިއީ ތަފާތު ބާވަތްތަކުގެ މާއްދާތައް އެކުލެވޭ ކާނާއާއި، ހަށިގަނޑު ހަރަކާތްތެރިކޮށް ބެލެހެއްޓުމުގެ ނަތީޖާއެވެ. މިއަދު އަޅުގަނޑުމެން ކާ ކޮންމެ ސިއްހީ ކާނާއަކީ މުސްކުޅިވާ ދުވަހު އަޅުގަނޑުމެންގެ ހަށިގަނޑު ކޮޅަށް ބަހައްޓައިދޭނެ "އިންވެސްޓްމަންޓެކެވެ".