ޚަބަރު
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ވަޒީރު ރާއްޖެއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން. ފޮޓޯ: ޚާރިޖީ ވުޒާރާ
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލަންސީ ޑރ. ޚަލީލުއްރަޙްމާން، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
އެ މަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ދިވެހި ސަރުކާރުގެ ހާއްސަ މެހެމާނެއްގެ ގޮތުގައެވެ. މިއީ މި އަހަރުގެ ފެބްރިވަރީ މަހުގެ 17 ގައި އެ މަނިކުފާނު މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅާއި ގުޅިގެން ރާއްޖެއާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމަށް ޚާރިޖީ ވުޒާރައިން ވިދާޅުވެއެވެ.
ހިޒް އެކްސަލަންސީ ޑރ. ޚަލީލުއްރަޙްމާން ވަނީ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްގޮތާމެދު މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމަށް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުންދެވިދާނޭ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަމަށް ވެސް ދެ ބޭފުޅުން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ، ރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިގުޅުން އިތުރަށް ހަރުދަނާ ކުރެވޭނޭ ގޮތްތަކާއި، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އެގޮތުން، ދެ ވަޒީރުންގެ މަޝްވަރާ ތަކުގައި ޞިއްޙީ، ތަޢުލީމީ، ދަނޑުވެރިކަން، މުޢާސަލާތީގުޅުން، ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އާއި އިންވެސްޓްމަންޓް، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ގުޅުން ފާހަކުރައްވާފައި ވެސްވެއެވެ. އަދި މީގެ އިތުރުން، ދެ ގައުމުން އިސްކަންދޭ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ދެ ވަޒީރުން ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.
މި ދަތުރުފުޅުގައި ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތަ އާބެހޭ ވުޒާރާ އާ ގުޅިގެން ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވާފައެވެ. އަދި ހަމައެހެންމެ، އެ ހަރަކާތުގެ ތެރެއިން ވަޒީރު ވަނީ، ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް 20،000 ގަސް ހަދިޔާކުރައްވާފައެވެ.
އެއަށްފަހު އެމަނިކުފާނުވަނީ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ، ކުރިއަށްދިޔަ ހަރަކާތްތައް ބައްލަވާލައްވާފައެވެ.
އެއާރޕޯޓުން އެ މަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ފަހުމީ ޙަސަން އާއި، އެ ވުޒާރާގެ ބައެއް އިސްވެރިންނެވެ.