ރިޕޯޓް
އެމްއާރުސީސީއަކީ ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި މަސައްކަތް ކުރާ މައި މަރުކަޒު
އެމްއާރުސީސީގެ އައު އިމާރާތް---
ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަޒީރާވަންތަ ޤައުމެވެ. ރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަށްވުރެ ބޮޑުބަޔަކީ ކަނޑުގެ ސަރަޙައްދެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ކަނޑުދަތުރުފަތުރާއި، ރަށްތަކުގެ މެދުގައި ކުރެވޭ ދަތުރުތަކުގެ މައްޗަށް ކަމަށްވުމުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ޤައުމީ ފެންވަރުގައި އުފުލަންޖެހޭ މުހިންމު މަސްއޫލިއްޔަތެކެވެ.
މި މަސައްކަތުގެ އެންމެ އިސް ދައުރެއް އަދާކުރަނީ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިންނެވެ. މިއީ ރާއްޖޭގެ ސަރަޙައްދުގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް (ސަރޗް އެންޑް ރެސްކިއު) ވިލަރެސްކުރާ ޤައުމީ އިދާރާއެވެ.
އެމްއާރުސީސީގެ ދައުރާއި ޒިންމާތައް
މޫސުމީ ބަދަލުތަކާއި، އޮޑިދޯނި ފަހަރަށް ދިމާވާ މައްސަލަތަކާއި، ދަތުރުފަތުރު ކުރުމުގައި ދިމާވާ އެކިކަންކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ކަނޑުމަތީގައި ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގައެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ފުރާނައަށް ގެއްލުންވުމާއި، އުޅަނދުފަހަރު ހަލާކުވުމުގެ އިތުރުން އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއެވެ.
އެގޮތުން އެމްއާރުސީސީގެ މައިގަނޑު މަޤްޞަދަކީ ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުންނާއި އުޅަނދުފަހަރަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ހޯދުމާއި ސަލާމަތްކުރުގެ މަސައްކަތްތައް ހަރުދަނާކަމާއެކު ވިލަރެސްކުރުމެވެ.
ބައިނަލްއަޤްވާމީ މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ކަނޑައަޅާފައިވާ ގޮތުން ރާއްޖޭގެ ސަރޗް އެންޑް ރެސްކިއު ސަރަޙައްދުގައި ގާތްގަނޑަކަށް 1.5 މިލިއަން އަކަކިލޯމީޓަރު ހިމެނެއެވެ. ކޮންމެ އަހަރަކު 200,000 އަށްވުރެ ގިނަ ބޭރުގެ އުޅަނދުފަހަރު މި ސަރަޙައްދުން ދަތުރުކުރާއިރު، އެމްއާރުސީސީއަކީ ސަރަޙައްދީ ފެންވަރުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރާ މަރުކަޒެކެވެ. އެހެންކަމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، އަމިއްލަ އުޅަނދުފަހަރާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން ކަނޑުމަތީގެ ކުއްލި ޙާލަތްތަކަށް އިޖާބަދިނުމަކީ މި މަރުކަޒުގެ ޒިންމާއެކެވެ.
ޚިދުމަތުގެ ތާރީޚާއި ތަރައްޤީ
ރާއްޖޭގައި ކަނޑުމަތީގެ ސަލާމަތީ މުވާސަލާތީ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން އައީ "މާލޭ ރޭޑިއޯ" މެދުވެރިކޮށެވެ. ނަމަވެސް، 1981 ވަނަ އަހަރު ރާއްޖެއިން ބައިވެރިވި "ސޭފްޓީ އޮފް ލައިފް އެޓް ސީ" (ސޮލާސް) ކޮންވެންޝަނަށް 1998 ގައި ގެނެވުނު އިސްލާހާ ގުޅިގެން، "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް" (ޖީއެމްޑީއެސްއެސް) ރާއްޖޭގައި ޤާއިމްކުރުން ލާޒިމްވިއެވެ.
މި ނިޒާމު ބެލެހެއްޓުން އޭރުގެ ދިފާއީ ވުޒާރާއާ ހަވާލުކުރަން ސަރުކާރުން ނިންމެވީ 31 ޑިސެންބަރު 1998 ގައެވެ. އޭގެ ފަހުން 2003 ވަނަ އަހަރު ވިލިމާލޭގައި ޚާއްޞަ އިމާރާތެއް ބިނާކޮށް، 1 ޖެނުއަރީ 2006 ގައި ޖީއެމްޑީއެސްއެސް އޮޕަރޭޝަން ސެންޓަރު ރަސްމީކޮށް އިފްތިތާހު ކުރެވުނެވެ. ކަނޑުމަތީގެ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އެއް ފުރާޅެއްގެ ދަށުން ހަރުދަނާކޮށް ހިންގުމަށްޓަކައި، 27 ޖުލައި 2012 ގައި މި މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު" (އެމްއާރުސީސީ) އަށް ބަދަލުކުރެވުނެވެ.
ކާމިޔާބީތަކާއި ތަފާސްހިސާބު
ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އެމްއާރުސީސީން ވަނީ ކަނޑުމަތީގައި ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ނަމޫނާ ދައުރެއް އަދާކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ދިހަ އަހަރުގެ ތެރޭގައި އެމްއާރުސީސީން ވަނީ ކަނޑުމަތީގެ 3,713 ހާދިސާއެއް ވިލަރެސްކޮށްފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ހިންގި މި އޮޕަރޭޝަންތަކުގައި 8,359 މީހުން ވަނީ ސަލާމަތްކޮށްފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އުޅަނދުފަހަރާއި އަގުބޮޑު މުދާ ސަލާމަތްކުރުމުގައި މި މަރުކަޒުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
އައު އިމާރާތާއި މުސްތަޤުބަލު
ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއާރުސީސީގެ އައު އިމާރާތެއްގެ ބިންގާ ޖޫން 2022 ގައި އެޅުނެވެ. އެކި ސަބަބުތަކާހުރެ މަޝްރޫޢަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެހީތެރިކަމާއެކު މިއަހަރު ވަނީ މި މަސައްކަތް ނިންމާލެވިފައެވެ. މި މަޝްރޫޢު ނިންމުމަށްޓަކައި ދިވެހި ސަރުކާރުގެ ބަޖެޓުން އިތުރު ފައިސާ ޚަރަދުކޮށްފައިވުމަކީ، ކަނޑުމަތީގެ ސަލާމަތަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެކެވެ. މި އައު މަރުކަޒާއެކު، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި މުއާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން، މާ އަވަހަށް އަދި މާ ހަރުދަނާކޮށް ކަނޑުމަތީގެ ހާދިސާތަކަށް އިޖާބަދެވޭނެއެވެ.
އެމްއާރުސީސީއަކީ ހަމައެކަނި މުވާސަލާތީ މަރުކަޒެއް ނޫނެވެ. އެއީ ކަނޑުދަތުރުފަތުރުކުރާ އެތައް ހާސް ރައްޔިތުންނެއްގެ ފުރާނައާއި މުދަލުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ އުއްމީދީ މަރުކަޒެކެވެ. އައު ވަސީލަތްތަކާއެކު މި މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުމަކީ ރާއްޖޭގެ ކަނޑުތަކުގެ އަމާންކަން އިތުރުވެގެންދާނެ ކަމެކެވެ.