ރިޕޯޓް
ޑޮކްޓަރ މުޙައްމަދު ލަޠީފް: ތަޢުލީމީ ދާއިރާގެ ބާނީއަކަށް ދައުލަތުގެ މަތިވެރި ޢިއްޒަތް
ނިޝާން އިއްޒުއްދީންގެ އިއްޒަތް ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވަނީ---
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ޒަމާނީ ބައްޓަމަކަށް ފަރުމާކޮށް، އޭގެ އޮނިގަނޑު ވަރުގަދަކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. ފާއިތުވި 40 އަހަރަށްވުރެ ދިގު މުއްދަތުގައި ދައުލަތަށް ކުރެއްވި މުހިންމު ޚިދުމަތްތަކުގެ އަގުވަޒަންކޮށް، މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، "ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން" އަރުވާފައެވެ.
ކޮޅުމަޑުލު ކިނބިދޫއަށް އުފަން ޑރ މުޙައްމަދު ލަޠީފަކީ އިނގިރޭސިވިލާތުގެ ވޭލްސްއިން އެޑިއުކޭޝަނަލް ޕްލޭނިންގްގެ ރޮނގުން 1992 ވަނަ އަހަރު ޕީއެޗްޑީ ހާސިލުކުރައްވާފައިވާ، ތަޢުލީމީ ދާއިރާގެ ފުންނާބުއުސް ތަޖުރިބާކާރެކެވެ. ޑރ ލަތީފް ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ 18 މެއި 1973 ގައެވެ. މަޖީދިއްޔާ ސުކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އެންމެ ފުރަތަމަ އަދާކުރެއްވި މަޤާމަކީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އިންގިރޭސި ކާތިބުކަމެވެ.
ޑރ ލަޠީފްގެ ޚިދުމަތުގެ ރަންޒަމާން ގުޅިފައިވަނީ ރާއްޖޭގެ ތަޢުލީމީ އިންގިލާބާއެވެ. 11 ނޮވެމްބަރު 1993 ގައި އެޑިޔުކޭޝަން މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރެވި، ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތައް އެކުލަވާލުމުގެ އެންމެ އިސް ޒިންމާ އެމަނިކުފާނު އުފުއްލެވިއެވެ. އެގޮތުން 1995 އިން 2005 އަށް އެކުލަވާލި 'އެޑިޔުކޭޝަނަލް މާސްޓަރ ޕްލޭން' އަކީ ރާއްޖޭގެ ތަޢުލީމަށް އައި އެންމެ ބޮޑު ބަދަލުގެ ބިންގަލެވެ. މި ޕްލޭން އެކުލަވާލުމާއި، އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން އެ ޕްލޭން ތަންފީޒުކުރަން ފެއްޓެވުމަކީ އެމަނިކުފާނުގެ ހިންގުންތެރިކަމުގެ ހެއްކެކެވެ.
މުދައްރިސުން ތަމްރީނުކުރުމަށްޓަކައި އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ (އީޑީސީ) އާއި މުދައްރިސުންގެ ތަޢުލީމީ މަރުކަޒު އުފެއްދެވުމުގައި ޑރ ލަޠީފް އަދާކުރެއްވީ މުހިންމު ދައުރެކެވެ. އަދި ރާއްޖޭގެ މަތީ ތަޢުލީމުގެ ބިންގާ އެޅިގެންދިޔަ "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން" (މިހާރުގެ ޤައުމީ ޔުނިވަރސިޓީ) 1998 ވަނަ އަހަރު ޤާއިމުކުރުމުގައި ވަޒީރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅަކީ މިއަދު ފެންނަން އޮތް ފޮނި މޭވާއެކެވެ. މީގެ އިތުރުން ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި "ބިލްޓްއިން ސުޕަވިޝަން ސިސްޓަމް" އެއް ތަޢާރަފުކުރެއްވުމަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން، ޑރ ލަޠީފަކީ ޚާރިޖީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމުގައި ހުންނަވައިގެން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން (އެލްޑީސީ) ރާއްޖެ އުނިވުމުގެ "ގްރެޖުއޭޝަން" މަރުޙަލާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބައިނަލްއަޤުވާމީ މައިދާނުގައި ވަރުގަދަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
ރާއްޖޭގެ އިދާރީ ހިންގުމުގެ ދާއިރާއަށް ބަލާއިރު، ސިވިލް ސާވިސް ކޮމިޝަން އުފެއްދުމާއި، އެ ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ސިވިލް ސާވިސްގެ ނިޒާމު ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ ޒަމާނީ ދައުލަތެއް ބިނާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކެކެވެ. އެމަނިކުފާނުގެ ޚިދުމަތުގެ ދަތުރު ނިންމާލެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސިލަރުގެ މަޤާމުގައި ހުންނަވައެވެ.
ޑރ މުޙައްމަދު ލަޠީފަށް ދިވެހި ދައުލަތުން އެރުވި މި މަތިވެރި ޢިއްޒަތަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންކޮށް، މުޅި ޖީލެއް ބިނާކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާއި، އިޚްލާޞްތެރި ޚިދުމަތަށް ދެވުނު ޝަރަފުވެރިކަމެކެވެ. އެމަނިކުފާނަކީ މިއަދުގެ ދަރިވަރުންނަށާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ހުރި ނަމޫނާ ޝަޚުޞިއްޔަތެކެވެ.