Ads by Farudhun

ޚަބަރު

ހިމަބިހީގެ ކޭސްތައް އިތުރުވަނީ ޓެސްޓުކުރާ މިންވަރު އިތުރުވުމުން: އެޗްޕީއޭ

ހިމަބިހީގެ ކޭސްތައް އިތުރުވަނީ ޓެސްޓުކުރާ މިންވަރު އިތުރުވުމުން: އެޗްޕީއޭ

ހިމަބިހި ޖެހިފައިވާ ކުއްޖެއް ފޮޓޯ:ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2026، 01:31

30 ޖޫން 2026، 01:31

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން ހިމަބިހި ނުވަތަ މީސަލްސްގެ 44 ކޭސްއެއް ފެނިފައިވާ ކަމަށާއި، މި ޢަދަދު އިތުރުވީ ބައްޔަށް ޓެސްޓުކުރާ މިންވަރު އިތުރުކުރުމާ ގުޅިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް މީސަލްސްގެ 66 ކޭސް ވަނީ ފެނިފައެވެ. ނިމިދިޔަ ހަފުތާގައި 44 ކޭސް ރެކޯޑްކުރެވުނު ނަމަވެސް، މިވަގުތު ބަލިޖެހިފައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 13 އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި (އެކްޓިވް ކޮންޓެކްޓްސް) ގެ ގޮތުގައި 258 މީހަކު ވަނީ ފާހަގަކުރެވިފައެވެ.

މި އައުޓްބްރޭކާ ގުޅިގެން އެޗްޕީއޭގެ ޑިރެކްޓަރ ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ، ކޭސްތައް އިތުރުވީ ވޭތުވެދިޔަ ހަފުތާގައި ޓެސްޓުކުރި ނިސްބަތް ވަރަށް ބޮޑަށް އިތުރުކުރުމުން ކަމަށެވެ. މިހާތަނަށް ޖުމްލަ 569 މީހުން ބައްޔަށް ޓެސްޓުކޮށްފައިވާއިރު، ރާއްޖޭގެ ކޮންމެ ރަށަކުންވެސް މިހާރު ޓެސްޓް ސާމްޕަލް ނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

"ބަލި ޖެހިގެން މާ ބޮޑުވަރުވީ ކޭސްތަކެއް މިހާތަނަށް ފެނިފައެއްނުވޭ. މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ނެތް. ބަލީގެ އަލާމަތްތަކަށް ބަލާ ފަރުވާ ދޭ ބައްޔެއް މިއީ،" ސަނާ ސަލީމް ވިދާޅުވިއެވެ.

މީސަލްސްއަކީ ވައިރަހެއްގެ ސަބަބުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އެކަކުގެ ފަރާތުން 16 އާއި 18 އާ ދެމެދުގެ މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮތް ނަމަވެސް، ރާއްޖޭގެ ބޮޑު އާބާދީއަކީ އެމްއާރް ވެކްސިން ފުރިހަމަކޮށްފައިވާ ބަޔަކަށްވުމުން، އެ މިންވަރަށް ބަލި ފެތުރޭ މަންޒަރު ނުފެންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިވަގުތު ރާއްޖޭގައި މި ބަލީގެ 4 ކްލަސްޓަރއެއް އޮތްއިރު، އެ މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ އެކަހެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ޤައުމަކަށްވުމާއެކު، މި ޙާލަތުން އަރައިގަތުމަށް ޑަބްލިއުއެޗްއޯ އާއި އެހެނިހެން ޤައުމުތަކުގެ އެހީތެރިކަމާއެކު ޓެސްޓިންގ ކެޕޭސިޓީ އާއި ވެކްސިން އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ވެކްސިން ފުރިހަމަނުކުރާ މީހުން ދެނެގަނެ ވެކްސިން ދިނުމަށް ވަނީ އިސްކަންދީފައެވެ.

ކުއްލި ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ "އޮރެންޖު ހިޔާ" އާއި އިތުރު ފެސިލިޓީއެއް އައިސޮލޭޝަނަށް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށް ޚާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ރޯގާޖެހުން، ކެއްސުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450